ގދ. ފަރެސްމާތޮޑާ ކައުންސިލުން ސްރީ ލަންކާ މޯލްޑިވްސް ބިޒްނަސް ކައުންސިލާ ގުޅިގެން 2025 ޖަނަވަރީ 15 ވާ ބުދަ ދުވަހު އައި ކޭމްޕެއް ބޭއްވުމަށް ނިންމައިފިއެވެ. މި ކޭމްޕަކީ ފަރެސްމާތޮޑާ ދާއިރާގެ ތިން ރަށަށް އަމާޒުކޮށްގެން ކުރިއަށް ގެންދެވޭ ކޭމްޕެކެވެ.
މިހަފުތާގެ ބުދަ އަދި ބުރާސްފަތި ދުވަހު ކުރިއަށްދާ މި އައި ކޭމްޕުގައި ލަންކާގެ ލޮލުގެ ހާއްސަ ހަތަރު ޑޮކްޓަރަކާއި ދެ ޓެކްނީޝަނުން ބައިވެރިވާނެއެވެ.
މި ކޭމްޕު ކުރިއަށް ގެންދިއުމަށް ސަރުކާރުގެ ތެރެއިން ކުރަން ޖެހޭ ހުރިހާ ކަމެއް ކުރިއަށް ގެންދިއުމުގައި އެމްޕީ އަޝްރަފުގެ އެހީތެރިކަން ވަރަށް ބޮޑަށް ވަނީ ލިބިފައެވެ. އޭގެ ސަބަބުން ކޭމްޕު ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށް މަގުފަހިވެގެންދާނެ ކަމަށް ބެލެވެއެވެ.
ހަމައެހެންމެ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފް ރަޝީދުގެ އެހީތެރިކަމާއެކު، މި ކޭމްޕުގައި 400 ރައްޔިތުންނަށް ނަންބަރު އައިނު ހަދައިދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި ހިމެނެނީ ފަރެސްމާތޮޑާގެ 320 ރައްޔިތުންނަށާއި ފިޔޯރީގެ 40 ރައްޔިތުންގެ އިތުރުން ރަތަފަންދޫގެ 40 ރައްޔިތުންނަށެވެ.
މި އައި ކޭމްޕުގައި ޑޮކްޓަރަށް ދެއްކުމުގެ ފުރުސަތު ހިލޭ ލިބޭއިރު، 300 އައިނު ދުނިގަނޑު ވެސް ހިލޭ ދިނުމަށް ވަނީ ނިންމާފައެވެ. މީގެ ތެރެއިން 250 އައިނު ފަރެސްމާތޮޑާއަށް އަދި 50 އައިނު އަތޮޅުގެ އެހެން ރަށްތަކަށް ލިބޭނެއެވެ.
ފަރެސްމާތޮޑާ ހެލްތް ސެންޓަރުގެ އެއްބާރުލުމާއެކުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ކޭމްޕްގައި ލޮލުގެ އެކި ބަލިތައް ބެލުމުގެ އިތުރުން ނަންބަރު އައިނު ނެގުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
މި ކޭމްޕަށް މިލިއަނަކާ ގާތްކުރާ އަދަދަކަށް ޚަރަދުވާނެ ކަމަށް ލަފާކުރެވެއެވެ. މިއީ މިދިޔަ އަހަރު އޮގަސްޓުގައި ފަރެސްމާތޮޑާ ކައުންސިލުން ލަންކާއަށް ކުރި ދަތުރުގެ ތެރެއިން ހަމަޖެހިގެންދިޔަ، ސްރީލަންކާގެ ވިކްމަރާޗީ އޮޕްޓިކަލްސްގެ ފަރާތުން އެތަނުގެ ސީއެސްއާރުގެ ދަށުން ހިންގާ އައި ކޭމްޕެކެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.