އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެންބަރު ކަމަށް މުޙައްމަދު ޒާހިދާއި އަބްދުއްރަޙްމާން ޞަލާޙް ރަޝީދު އައްޔަނު ކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.
މިއަދު ދައުރުން ބޭރުގައި ބޭއްވުނު މަޖިލީހުގެ ޖަލްސާގައި ހާޒިރުވެ ތިއްބެވި 69 މެންބަރުންގެ ތެރެއިން 68 މެންބަރުންގެ ވޯޓާއެކު މި ދެ ބޭފުޅުންނަށް ރުހުން ދެވުނެވެ.
އީސީއަށް މި ދެ މެންބަރުން އައްޔަން ކުރެވެނީ ކޮމިޝަންގެ ނައިބު ރައީސް އަލީ ނަޝާތު އަދި މެންބަރު މުހައްމަދު އާސިފް މަގާމުން ވަކިކުރުމަށް މިދިޔަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހު މަޖިލީހުން ފާސްކުރުމާ ގުޅިގެންނެވެ. އެ ދެ ބޭފުޅުންގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކުރެވި، މަޖިލީހުން ވަނީ އެ މެންބަރުން މަގާމުން ވަކިކޮށްފައެވެ.
މި މަގާމުތަކަށް ކުރިމަތިލުމަށް ހުޅުވާލުމުން ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިސްކަންދެއްވި ތަރުތީބުން ނަންތައް ވަނީ މަޖިލީހަށް ފޮނުވާފައެވެ. މަގާމުތަކަށް މީހުން އައްޔަންކުރުމަށްޓަކައި އިންޓަވިއުކުރީ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީންނެވެ.
ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގުގެ ދައުރު ހަމަވުމާއި، ދެ މެންބަރަކު މަގާމުން ވަކިކުރުމާ ގުޅިގެން މިހާރު ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ އެ ކޮމިޝަންގައި ތިބީ އެންމެ ދެ މެންބަރުންނެވެ. ގާނޫނުއަސާސީގައިވާ ގޮތުން، ކޮމިޝަންގެ ބައްދަލުވުންތައް ބޭއްވޭނީ ތިން މެންބަރުން ހާޒިރުވެގެންނެވެ. އެހެންކަމުން، މިހާރު އެ ކޮމިޝަންގައި އެންމެ ދެ މެންބަރުން ތިއްބެވުމުން ޤާނޫނީ އަދަދު ހަމަނުވާތީ އެއްވެސް ޖަލްސާއެއް ބޭއްވުމުގެ ފުރުސަތެއް ނެތެވެ.








ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.