ދިވެހިރާއްޖެއިން މިހާތަނަށް ގެންގުޅެމުން އައި ބައިނަލްއަޤްވާމީ ސިޔާސަތަށް އެއްވެސް ބަދަލެއް ނާންނާނެކަމަށް ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ. ޚާރިޖީ ވަޒީރު މިހެން ވިދާޅުވީ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
ވަޒީރު ޑރ ޚަލީލު މިހެން ވިދާޅުވީ، ރަޝިއާ-ޔޫކްރެއިން ހަނގުރާމައިގައި ރާއްޖެއިން ވަކި ފަރާތަކަށް ޖެހިފައިވާކަމަށް ދެކެވެމުންދާ ވާހަކަތަކާ ގުޅިގެންނެވެ.

ޚާރިޖީ ވަޒީރުގެ ބަޔާނުގައި އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ދިވެހިރާއްޖެއަކީ އެއްވެސް ޤައުމަކާ އަދާވާތްތެރިވުމެއް ނެތި، ހުރިހާ ޤައުމުތަކާއެކުވެސް ރަހުމަތްތެރިކަމުގެ ގުޅުން ބާއްވާ ޤައުމެކެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ގެންގުޅުއްވާ ޚާރިޖީ ސިޔާސަތަކީވެސް މިއީ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ހާމަކުރެއްވި ގޮތުގައި، ފަލަސްޠީނުގެ މައްސަލަ ފިޔަވައި އެހެން އެއްވެސް ބައިނަލްއަޤްވާމީ މައްސަލައެއްގައި ރާއްޖެއިން ވަކި ފަރާތަކަށް ބުރަވެފައެއް ނުވެއެވެ. ބަދަލުގައި، ބައިނަލްއަޤްވާމީ ޤާނޫނުތަކާއި މުއާހަދާތަކަށް ހުރުމަތްތެރިކޮށް ހިތުމަށް ގޮވާލުމަކީ ރާއްޖެއިން އަބަދުވެސް ކުރަމުންދާ ކަމެކެވެ. އަދި އދ. ގައި ރާއްޖެއިން ވޯޓުދެމުންދަނީވެސް މި އުސޫލުތަކާ އެއްގޮތަށެވެ.