ތ. ވިލުފުށީގެ ނަލަހިޔާ އިސްލާމީ މަރުކަޒުގައި ދެ ޖިންސު މަސްހުނިވެގެން ކުޅިވަރު ކުޅުނު ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފެތުރުނު ވާހަކަތަކަކީ ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށް ވިލުފުށި ކައުންސިލުން ރޭ ބުނެފިއެވެ.
ކައުންސިލުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ދައުރުވަމުންދާ ވީޑިއޯއަކީ 2024 ވަނަ އަހަރުގެ ޓީޗަރުންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަފުލާގެ ތެރެއިން ކުރިއަށް ގެންދިޔަ ޓީމް ބިލްޑިން އެކްޓިވިޓީގެ ވީޑިއޯއަކަށް މިއުޒިކް އަޅައިގެން އެޑިޓް ކޮށްފައިވާ އެއްޗެއް ކަމަށެވެ.
ކައުންސިލުން އިތުރަށް ބުނެފައިވަނީ، ޓީޗަރުންގެ ބުރަ މަސައްކަތުގެ އަގުވަޒަންކުރުމަށް ބޭއްވި ހަފުލާގެ ބައެއް ނަގައި، ހަގީގަތް އޮޅޭ ގޮތަށް މިއުޒިކް އަޅައިގެން، ރައްޔިތުންގެ މެދުގައި ސަރުކާރާއި ކައުންސިލާއި އަދި ސްކޫލުގެ ޓީޗަރުންގެ އަގުވައްޓާލައި ނަފުރަތު އުފެއްދުމަށް މިފަދަ ނާތަހުޒީބީ އަމަލެއް ހިންގާފައިވާތީ ހިތާމަކުރާ ކަމަށެވެ.
ނަލަހިޔާ އިސްލާމީ މަރުކަޒަކީ ދީނީ އަދި އިޖުތިމާއީ އެކިއެކި ކަންކަމަށް ބޭނުންކުރަމުންދާ ތަނެއް ކަމަށާއި، އެތަނުގައި ރަށު ފެންވަރުގައި އަދި އަތޮޅު ފެންވަރުގައި އެކިއެކި މުބާރާތްތަކާއި ހަރަކާތްތައް މީގެ ކުރިންވެސް ބާއްވާފައިވާ ކަމަށް ކައުންސިލުން ފާހަގަކޮށްފައިވެއެވެ.
މި މައްސަލައާ ގުޅިގެން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، މިސްކިތެއް ކަމަށް ބެލެވޭ ތަނެއްގައި މިސްކިތެއްގެ ގަދަރާއި އިހުތިރާމާ ނުގުޅޭ ކަންތައްތަކެއް ކުރާތަން ފެންނަ ވީޑިއޯގެ މައްސަލަ އެ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި މިސްކިތްތަކުގެ ހުރުމަތް ކަނޑާ ފަރާތްތަކަށް ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނާއި ގަވާއިދުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށްވެސް ވިދާޅުވިއެވެ.
ވިލުފުށި ކައުންސިލުން އިތުރަށް ބުނެފައިވަނީ، މިސްކިތުގެ ހުރުމަތް ކެނޑޭފަދަ އަމަލެއް ނުކުރާނެކަމުގެ ޔަގީންކަން ދޭ ކަމަށެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.