ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަލުން ޢައްޔަންކުރެއްވި 4 ވަޒީރުންނަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން މިއަދު ނިންމައިފިއެވެ.

މި ނިންމުން ނިންމާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަޖިލީހަށް ހުށަހެޅުއްވި މައްސަލައާ ގުޅިގެން، މިއަދު ބޭއްވުނު ކޮމިޓީގެ ބައްދަލުވުމުގައެވެ. ވަޒީރުންނަށް ޤާނޫނީ ހައިސިއްޔަތު ލިބިވަޑައިގަންނަވާނީ މަޖިލީހުން ރުހުން ލިބުމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވުޒާރާތަކަށް ބަދަލު ގެންނަވައި ވަޒީރުން ޢައްޔަން ކުރެއްވީ މިދިޔަ މަހުގެ 26 ވަނަ ދުވަހުއެވެ. އެގޮތުން، މާލީކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާބެހޭ ވުޒާރާއަށް މޫސާ ޒަމީރު، އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއަށް ޑރ. ޢަބްދުﷲ މުއްޠަލިބް، މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއަށް ޑރ. ޢަލީ ޙައިދަރު އަޙްމަދު އަދި ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއަށް ޑރ. މަރްޔަމް މާރިޔާ ޢައްޔަންކުރައްވާފައިވެއެވެ.

ކޮމިޓީގައި ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު ވިދާޅުވީ، މި 4 ވަޒީރުންނަކީވެސް ކުރިން މަޖިލީހުގެ ރުހުން ލިބިވަޑައިގެން ދައުލަތުގެ ވުޒާރާތަކަށް ޢައްޔަންކުރައްވައި މެދުކެނޑުމެއްނެތި ޚިދުމަތް ކުރައްވަމުންގެންދަވާ ބޭފުޅުން ކަމަށާއި، އެ މަޤާމުތައް އަދާ ކުރެއްވިއިރު އެއްވެސް ވަޒީރެއްގެ މައްސަލައެއް ނެތްކަމަށެވެ. އެހެންކަމުން 4 ވަޒީރުންނަށްވެސް ރުހުން ދިނުމަށް ފެންނަކަމަށް އޭނާ ހުށަހެޅުއްވިއެވެ.

ކޮމިޓީގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުން 4 ވަޒީރުންނަށް ރުހުން ދިނުމަށް ފާސްކުރެވުނެވެ. ނަމަވެސް، ވަޒީރުންނަށް ރުހުން ދެވޭނީ ކޮމިޓީ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހެޅި، މެންބަރުންގެ މެދުގައި ބަހުސްކޮށް، ވޯޓަކުން ފާސްވުމުންނެވެ.