ވިހެއުމުން ލިބޭ ޗުއްޓީގެ މުއްދަތުގައި ދަރިފުޅު މަރުވުމުން ޗުއްޓީ ކެންސަލް ނުކުރުމަށް ޓްރައިބިއުނަލަށް ހުށަހަޅަން ނިންމައިފިއެވެ.
ވިހެއުމުން ލިބޭ ހަ މަސް ދުވަހުގެ ޗުއްޓީގެ މުއްދަތުގެ ތެރޭގައި ދަރިފުޅު މަރުވެއްޖެނަމަ އެ ޗުއްޓީ ކެންސަލް ނުވާ ގޮތަށް ބަދަލު ކުރުމަށް ޓްރައިބިއުނަލަށް ހުށަހަޅަން ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރު (ޕީއައިއެލްސީ) އިން ވަނީ ތައްޔާރުވެފައެވެ.
މަދަނީ މައްސަލަތަކުގައި ހިލޭ ސާބަހަށް ވަކާލާތުކުރާ ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރު (ޕީއައިއެލްސީ) ގެ ނައިބު ރައީސް އަބްދުﷲ ނާހިދު މިހާރު ނޫހަށް މައުލޫމާތުދީފައިވާ ގޮތުގައި ވިހެއުމަށް ފަހު ލިބޭ ހަ މަސް ދުވަހުގެ ތެރޭގައި ދަރިފުޅު މަރުވުމާ ގުޅިގެން އަނބުރާ ވަޒީފާއަށް ނުކުތުމަށް އެދި ސަރުކާރުގެ ދެ އިދާރާއަކުން އެންގި މައްސަލައެއް އޭނާގެ ލޯވސެންޓަރަށް ވަނީ ލިބިފައިވާކަމަށާއި މިފަދަ ހާލަތެއްގައި ވަގުތުން ވަޒީފާއަށް ނުކުތުމަކީ ފަސޭހަ ކަމަކަށް ނުވާތީ، އެކަމަށް ޤާނޫނީ ހައްލެއް ހޯދަން ނިންމާފައިވާ ކަމަށެވެ. އަދި އެ ސެންޓަރުން އަންނަނީ މި މައްސަލައާ ގުޅޭ މަޢުލޫމާތު އެއްކުރަމުންދާ ކަމަށާއި އޭގެ ފަހުން ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅާނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ.
ޕީއައިއެލްސީއަށް ހުށަހެޅުނު މިފަދަ ފުރަތަމަ މައްސަލައަކީ ވިހޭތާ ހަތަރު މަސްވީ ކުއްޖަކު ކުއްލިއަކަށް މަރުވުމުން، ހަމަ ޖެހިގެން އައި ދުވަހު އޮފީހަށް ނުކުތުމަށް އެންގި މައްސަލައާއި އޭގެ އިތުރުން، މިނިސްޓްރީއެއްގެ މުވައްޒަފަކު ވިހެއިތާ ދެ މަސް ނުވަނީސް ދަރިފުޅު މަރުވި ދުވަހުގެ ޖެހިގެން އައި ދުވަހު އޮފީހަށް ނުކުތުމަށް އެންގި މައްސަލައެކެވެ.
ވަކީލު ވިދާޅުވި ގޮތަށް އިންސާނިއްޔަތުުގެ ނަޒަރުން ވިސްނާލިއަސް އަދި އެހެން ގޮތަކުން ވިސްނާލިނަމަވެސް ވިހޭދަރިފުޅަކު ޅަފަތުގައި މަރުވުމުން އެކަމުންލިބޭ ވޭނާއި ހިތާމައިން އަރައިގަތުމަށް އެންމެ ދުވަހެއްވެސް އަދި އެންމެ ރެއެެއްވެސް ނުދީ ހަމަ ވަގުތުން މަސައްކަތު ނުކުތުމަށް އެންގުމަކީ ކޮށްގެންވާނެ ކަމެއް ނޫނެވެ.
އެހެންނަމަވެސް، މީގެ ކުރިން ވެސް މިފަދަ ހާލަތްތަކުގައި އަމަލުކޮށްފައިވަނީ އެ އުސޫލުން ކަމަށް ލިބިފައިވާ މަޢުލޫމާތުތަކުން ދޭހަވާކަމަށް ވަކީލު ވަނީ މިހާރުނޫހަށް ދިން މައުލޫމާތުގައި ފާހަގަކުރައްވާފައެވެ.
ފުރާނަ ހުރި ކުއްޖަކު ވިހެއުމުން މުސާރައާއެކު ލިބޭ ޗުއްޓީ ހަ މަހަށް އިތުރު ކޮށްފައި ވަނީ، ސިވިލް ސާވިސްގެ ގަވާއިދަށް ގެނައި ބަދަލާއެކު 2019 މާރިޗު 7 އިން ފެށިގެންނެވެ. އޭގެ ކުރިން ލިބެމުން އައީ ތިން މަސް ދުވަހުގެ ޗުއްޓީއެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.