ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ވަނީ ވިހެއުމުން ލިބޭ ހަ މަސް ދުވަހުގެ ޗުއްޓީގެ މުއްދަތުގެ ތެރޭގައި ދަރިފުޅު މަރުވިޔަސް، މުވައްޒަފުންނަށް އިތުރު ޗުއްޓީއެއް ލިބޭނެ ގޮތް ހަމަޖައްސައިދިނުމަށް އެދިވަޑައިގެންފައެވެ.
މެމްބަރު ކުޑޫ މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރު (ޕީއައިއެލްސީ) އިން މި މައްސަލަ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ. ޕީއައިއެލްސީ އިން މި މައްސަލަ ޓްރައިބިއުނަލަށް ހުށަހެޅުމަށް ނިންމީ ދާދިފަހުން މިފަދަ ހާލަތެއް ދިމާވި ދެ މުވައްޒަފަކަށް ވަޒީފާއަށް ނުކުތުމަށް އެންގުމާ ގުޅިގެންނެވެ.
މެމްބަރު ކުޑޫ ވިދާޅުވީ، މުވައްޒަފަކު ވިހެއުމުން ޗުއްޓީގައި ހުއްޓާ ދަރިފުޅު މަރުވެއްޖެނަމަ، އިތުރު ޗުއްޓީއެއް ނެތި އަނެއް ދުވަހު ވަޒީފާއަށް ނިކުންނަން ޖެހުމަކީ މުވައްޒަފާއި އާއިލާއަށް އިތުރު ހިތްދަތިކަމާއި ތަކުލީފު އުފުލަން ޖެހޭނެ ކަމެއް ކަމަށެވެ. އެހެންކަމުން މަޖިލީހުގެ ކަމާގުޅޭ ކޮމިޓީން މި މައްސަލަ ދިރާސާކޮށް ހައްލެއް ހޯދައިދިނުމަށް އޭނާ އެދިވަޑައިގެންފައިވެއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.