ޕެރިސް އެގްރިމެންޓުން އެމެރިކާ ވަކިވުމަށް ނިންމުމާ ގުޅިގެން ހިތާމަ ފާޅުކުރައްވައި، މޫސުމީ ބަދަލުތަކުން ރާއްޖެއަށް ކުރަމުންދާ ނޭދެވޭ އަސަރުތައް ބައްލަވައިލެއްވުމަށް އެމެރިކާގެ އައު ރައީސް ޑޮނަލްޑް ޓްރަމްޕަށް، ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް) ގެ ސެކްރެޓަރީ ޖެނެރަލް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ދަޢުވަތު ދެއްވައިފިއެވެ.
ސީވީއެފްއިން ނެރުނު ބަޔާނެއްގައި ނަޝީދު ވިދާޅުވެފައިވަނީ އެމެރިކާގެ އާ ސަރުކާރާއެކު މަސައްކަތްކުރުމުގެ ފުރުޞަތު ލިބިވަޑައިގަތުމާމެދު އުފާކުރައްވާ ކަމަށެވެ. ނަމަވެސް އެ ޤައުމުން ޕެރިސް އެގްރިމެންޓުން ވަކިވުމަށް ނިންމުމާމެދު ހިތާމަކުރައްވާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.
"އަޅުގަނޑު، ރައީސް ޓްރަމްޕަށް ދަޢުވަތު އަރުވަން އަޅުގަނޑުގެ އުފަން ޤައުމު ރާއްޖެ ހިމެނޭހެން، އަޅުގަނޑުމެންނަށް ކުރިމަތިވެފައިވާ ބައެއް ގޮންޖެހުންތައް ބައްލަވައިލެއްވުމަށް،" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވަނީ އުދައެރުމާއި ހޫނުގަދަވުމުން "ގްލޭސިއާސް" ތައް ވިރުމާއި ދަނޑުބިންތައް ފަނާވެފައިވާ މަންޒަރުތައް ގާތުން ބައްލަވައި ލެއްވުމަށް ޓްރަމްޕަށް ދަޢުވަތު ދެއްވާފައެވެ.
ޕެރިސް އެގްރިމެންޓަކީ ބޮޑެތި ޤައުމުތަކުން ތިމާވެއްޓަށް ދެމުންދާ ގެއްލުންތައް ކުޑަކުރުމަށް އެކުލަވާލާފައިވާ އެއްބަސްވުމެއްކަން ފާހަގަކުރައްވައި، އެއީ މޫސުމީ ބަދަލުތަކުގެ ނޭދެވޭ އަސަރު ކުރާ އަދި ތަރައްޤީވަމުން އަންނަ ކުދި ޤައުމުތަކަށް ލިބިފައިވާ އުންމީދެއްކަމަށް ނަޝީދު ވިދާޅުވިއެވެ.
މޫސުމީ ބަދަލުތަކާ ދެކޮޅަށް ކުރަމުންދާ މަސައްކަތުގައި ޤައުމުތަކުން އެކުގައި އެއް އަމާޒަކަށް މަސައްކަތްކުރަން ޖެހޭކަން ބަޔާނުގައި ނަޝީދު ފާހަގަ ކުރައްވާފައިވެއެވެ. އަދި ދެވަނަ ވިސްނުމަކަށް ވަޑައިގެން، އެމެރިކާއިން ޕެރިސް އެގްރިމެންޓުގައި އަލުން ބައިވެރިވާނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް ވިދާޅުވެފައިވެއެވެ.
ފްރާންސްގެ ވެރިރަށް ޕެރިހުގައި 2015 ވަނަ އަހަރު ޤައުމުތަކުން އެއްބަސްވެފައި ވަނީ ދުނިޔޭގެ ހޫނުމިން މަތިވުން ކޮންޓްރޯލްކުރުމަށް ޖައްވަށް ދޫކުރާ ވިހަ ގޭސްތަކުގެ މިންވަރު މަދުކުރުމަށެވެ. ނަމަވެސް ޓްރަމްޕްގެ ފުރަތަމަ ވެރިކަމުގައިވެސް ޕެރިސް އެގްރިމެންޓުން އެމެރިކާ ވަކިވިއެވެ. އޭރު އެމަނިކުފާނު ވިދާޅުވެފައިވަނީ އެ އެގްރިމެންޓް އެކުލަވާލާފައިވަނީ އެމެރިކާގެ އިޤްތިޞާދު ހީނަރުވާ ގޮތަށް ކަމުގައެވެ.
ޓްރަމްޕަށް ފަހު ވެރިކަމަށް ވަޑައިގެންނެވި ރައީސް ޖޯ ބައިޑެންގެ ސަރުކާރުން ވަނީ އެ ނިންމުން ބާޠިލުކޮށް، 2021 ވަނަ އަހަރު އެގްރިމެންޓުގައި އަލުން ބައިވެރިވެފައެވެ. އެހެންނަމަވެސް، ދެވަނަ ފަހަރަށް ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ޓްރަމްޕް ނިންމެވި ނިންމުންތަކުގެ ތެރޭގައި ޕެރިސް އެގްރިމެންޓުން އަނެއްކާވެސް ވަކިވުން ހިމެނެއެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.