ބްރޯޑްކާސްޓިންއަކީ އަމާނާތެއް ކަމަށާއި އެ ދާއިރާއަށް ލޯ ހުޅުވިފައިވާ ޖީލެއް ބިނާކުރުން މުހިންމުކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ ބްރޯޑްކާސްޓިން ދުވަހާ ގުޅިގެން ބްރޯޑްކާސްޓިން ކޮމިޝަނުން ކުރިއަށްގެންދިޔަ "ވިޝަން އޮފް ދަ ފިއުޗަރ" މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ހަފްލާގައި ދެއްކެވި ވާހަކަފުޅުގައެވެ.
ހަފްލާގައި ވާހަކަފުޅު ދައްކަވަމުން، މެޑަމް ސާޖިދާ ވިދާޅުވީ ރާއްޖޭގެ ތާރީޚުގައި ބްރޯޑްކާސްޓިން ޚިދުމަތަކީ ވަރަށް ފުރިހަމަ ޚިދުމަތެއްކަމަށެވެ. އެކަމަނާ ވިދާޅުވި ގޮތުގައި ބްރޯޑްކާސްޓިންއަކީ ފޫހިކަމާއި މާޔޫސްކަން ދުރަށްލައި، ހިތްތަކަށް އުފާވެރިކަން ގެނެސްދިން ޚިދުމަތެކެވެ. އަދި ރައްޔިތުންނަށް ދީނުގެ މަތިވެރި އުސޫލުތަކާއި މަތިވެރި އަޚްލާގު އުނގަންނައިދީ އެކި ދާއިރާތަކުން މައުލޫމާތު ފޯރުކޮށްދޭ ޚިދުމަތެއްކަންވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ބްރޯޑްކާސްޓިން ޚިދުމަތަކީ ރަށްރަށް ގުޅުވައިދިން އަގުހުރި ޚިދުމަތެއްކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ މީޑިއާގެ އެކި މަންސަތައް މިހާރު ހުރިއިރު އެފަދަ މަންސަތަކަށްވެސް ރޭޑިއޯ އަދި ޓީވީގެ ދައުރު އަދާނުކުރެވޭ ކަމަށެވެ. އެހެންކަމުން، މި ދެ ޚިދުމަތަކީ ކުރީ ޒަމާނާއި މި ޒަމާނުގެވެސް އެއްޗެއްކަމަށާއި އެ ދާއިރާގެ މުހިންމުކަން އެނގޭ ޖީލެއް ބިނާ ކުރުމަކީ ކޮންމެހެން މުހިންމު ކަމެއްކަމަށް މެޑަމް ސާޖިދާ ވިދާޅުވިއެވެ.
ހަފްލާގައި މެޑަމް ސާޖިދާ ވަނީ "ވިޝަން އޮފް ދަ ފިއުޗަރ" މުބާރާތުން އެކި ވަނަ ހާސިލުކުރި ކުދިންނަށް އިނާމް ހަވާލުކޮށްދެއްވާފައެވެ. މި މުބާރާތަކީ ޒުވާނުންގެ މެދުގައި ބްރޯޑްކާސްޓިންގ ދާއިރާއަށް ޝައުގުވެރިކަން އިތުރުކޮށް، އެ ދާއިރާގެ މުސްތަގުބަލަށް ހުނަރުވެރި ޒުވާނުން ތައްޔާރުކުރުމުގެ މަގުސަދުގައި ބޭއްވުނު މުބާރާތެކެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.