'ސައުތުއަރި މެރިން ޕްރޮޓެކްޓެޑް އޭރިއާ' (ސަންޕާ) ސަރަހައްދަށް ފަތުރުވެރިން ގެންދެވޭނީ ސަންޕާ ގައިޑް ސެޓްފިކެޓް ލިބިފައިވާ ގައިޑުންނަށް އެކަނި ކަމަށް ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާއިން މިއަދު ވަނީ އިއުލާނު ކޮށްފައެވެ.
މި ނިންމުމަކީ އެ ވުޒާރާއިން އެކުލަވާލާފައިވާ 'ސައުތުއަރި މެރިން ޕްރޮޓެކްޓެޑް އޭރިއާ ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ މެނޭޖްމަންޓް ޕްލޭން' ގެ ބައެކެވެ. މި ޕްލޭނުގައި ފަތުރުވެރިންނާއި، ގައިޑުންނާއި، އުޅަނދުފަހަރުގެ ކެޕްޓަނުންނާއި ފަޅުވެރިން އަމަލުކުރަންޖެހޭ އުސޫލުތައް ކަނޑައަޅާފައިވެއެވެ.
ސަންޕާ ސަރަހައްދަކީ ދުނިޔޭގައި ނެތެމުންދާ ފެހުރިހި އެއްވެ އުޅޭ މުހިންމު ސަރަހައްދެކެވެ. މި ސަރަހައްދުގެ ފަރުތަކާއި އޮއިވަރުގެ ސަބަބުން ގިނައިން ޕްލޭންކްޓަން ޖަމާވުމާ ގުޅިގެން، ފެހުރިހި މި ސަރަހައްދަށް ކާނާ ހޯދުމަށާއި ހަށިގަނޑުގެ ފިނިހޫނުމިން ބެލެހެއްޓުމަށް އާދެއެވެ.
ވުޒާރާއިން ހާމަކުރި ގޮތުގައި، މި ސަރަހައްދުގައި އުޅޭ ގާތްގަނޑަކަށް 70 އިންސައްތަ ފެހުރިހީގައި އުޅަނދުފަހަރުގެ ބުރަފަތިން ޖެހި އަނިޔާ ލިބިފައިވެއެވެ. އަދި ފަހަކަށް އައިސް ފަތުރުވެރިންނާ ގުޅުންހުރި ހިތާމަވެރި ހާދިސާތަކެއްވެސް ހިނގާފައިވެއެވެ.
މި މެނޭޖްމަންޓް ޕްލޭން ގެޒެޓްކުރާތާ 3 މަސްދުވަހުގެ ފަހުން، ސަންޕާ ސަރަހައްދަށް ފަތުރުވެރިން ގެންދެވޭނީ އެންވަޔަރަންމެންޓަލް ޕްރޮޓެކްޝަން އެޖެންސީން ދޫކުރާ ސަންޕާ ގައިޑް ސެޓްފިކެޓް ލިބިފައިވާ ގައިޑުންނަށް އެކަނިކަމަށް ވުޒާރާއިން ބުނެފައިވެއެވެ.
ވުޒާރާއިން އިތުރަށް ހާމަކުރި ގޮތުގައި، މި މެނޭޖްމަންޓް ޕްލޭން އެކުލަވާލެވިފައިވަނީ 2024 ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން ބޭއްވުނު 8 މަޝްވަރާ ބައްދަލުވުމެއްގައި 300 އަށްވުރެ ގިނަ ފަރާތްތަކާއެކު މަޝްވަރާކުރުމަށްފަހުގައެވެ. އަދި ޕްލޭންގެ ނިންމުންތައް ނިންމާފައިވަނީ ކަމާބެހޭ ފަރާތްތައް ހިމެނޭ އެޑްވައިސަރީ ކޮމިޓީގެ ލަފާގެ މަތިންނެވެ
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.