ފޭސްބުކް މާކެޓް ޕްލޭސް މެދުވެރިކޮށް ހަދާ އޮންލައިން މަކަރުތަކަށް ރައްޔިތުން ސަމާލުވުމަށް ފުލުހުންގެ ސައިބަރ ކްރައިމް ސެންޓަރުން އިންޒާރު ދީފިއެވެ. މިގޮތުން އެ ސެންޓަރުން ވަނީ މާކެޓް ޕްލޭސް މެދުވެރިކޮށް މުދާ ގަންނައިރު ސަމާލުވާންޖެހޭ މުހިންމު ކަންތައްތަކެއް ފާހަގަކޮށްފައެވެ. ސައިބަރ ކްރައިމް ސެންޓަރުން ދެއްވި މަޢުލޫމާތުގައި، ޝައްކު އުފެދޭ ލިސްޓިންގތަކާއި ޕޯސްޓުތަކަށް ސަމާލުވުމަށް އެދިފައިވެއެވެ. އަދި އަގުހެޔޮ ކަމަށް ފެނުނު ނަމަވެސް، ނުވަތަ ރަނގަޅު ޑީލެއް ކަމަށް ހީވި ނަމަވެސް، އެ އެއްޗެއް ގަތުމުގެ ކުރިން އިތުރަށް ދިރާސާކުރުމަށް އިރުޝާދު ދީފައިވެއެވެ. ވިއްކާ ފަރާތުގެ ޕްރޮފައިލް ޗެކްކުރުމުގެ މުހިންމުކަން މުދާ ވިއްކާ ފަރާތުގެ ޕްރޮފައިލް ރަނގަޅަށް ޗެކްކުރުމަށް ސައިބަރ ކްރައިމް ސެންޓަރުން އިރުޝާދު ދީފައިވެއެވެ. "މަކަރުވެރިންގެ ފޭކް މާކެޓްޕްލޭސް ޕްރޮފައިލްތަކުގައި މަޢުލޫމާތު މަދުވުމާއި، އައު ޕްރޮފައިލްތަކަށްވުމާއި، ރައްޓެހިން މަދުވުން ފަދަ ކަންކަމަކީ ސަމާލުވާންޖެހޭ ކަންކަމެވެ،" އެ ސެންޓަރުން ބުންޏެވެ. އޯޓީޕީގެ ބަދަލުގައި ފްލޭޝް ކޯލްސް މީގެއިތުރުން، އޯޓީޕީ އޮތެންޓިކޭޝަންގެ ބަދަލުގައި ފްލޭޝް ކޯލްސް ތަޢާރަފުވެފައިވާކަން ސައިބަރ ކްރައިމް ސެންޓަރުން ފާހަގަކޮށްފައިވެއެވެ. ނަމަވެސް ގިނަ ބަޔަކަށް ފްލޭޝް ކޯލްސްއަކީ ކޮބައިކަން ނޭނގުމުގެ ސަބަބުން، އޭގެ ސަބަބުން ކުރާ މަކަރުތަކުގެ ޝިކާރައަކަށްވާ މީހުންގެ އަދަދު އިތުރުވަމުންދާކަން ފާހަގަކޮށްފައިވެއެވެ. އަމާން މުޢާމަލާތެއް ކުރުމަށްޓަކައި، ކޭޝް އޮން ޑެލިވަރީ އިޚްތިޔާރުކުރުމަށާއި، ދެފަރާތުގެ ރުހުމާއެކު ވިޔަފާރި ފުރިހަމަކުރުމަށް ސައިބަރ ކްރައިމް ސެންޓަރުން ވަނީ އާންމުންނަށް އިރުޝާދު ދީފައެވެ. އޯޓީޕީގެ ބަދަލުގައި ބޭނުންކުރަން ފަށާފައިވާ ފްލޭޝް ކޯލްސްއާ ބެހޭ މުހިންމު މަޢުލޫމާތުތަކެއްވެސް ސައިބަރ ކްރައިމް ސެންޓަރުން ވަނީ ހާމަކޮށްފައެވެ. މިއީ އޯޓީޕީގެ ބަދަލުގައި މިހާރު އާންމުވަމުން އަންނަ އައު އޮތެންޓިކޭޝަން މެތަޑެކެވެ. ފްލޭޝް ކޯލްސްއަކީ ކޮބާ؟ ފްލޭޝް ކޯލްސްއަކީ ކޯލް-ބޭސްޑް އޮތެންޓިކޭޝަން ޓެކްނޮލޮޖީއެކެވެ. މިއީ ކަސްޓަމަރުގެ ފޯނަށް ޚިދުމަތްދޭ ކުންފުނިން ކުރާ ފޯން ކޯލެއް ނުވަތަ ފޮނުވާ މިސްކޯލެކެވެ. ގުޅާ ނަންބަރު ނުވަތަ މިސްކޯލް ލިބޭ ނަންބަރުގެ ފަހު އަކުރުތަކަކީ އޮތެންޓިކޭޝަން ކޯޑެވެ. މި ކޯޑު އިތުރު އެވެސް ފަރާތަކާއި ހިއްސާކޮށްފިނަމަ އެ ހިއްސާ ކުރެވުނީ ހަމަ އޯޓީޕީއާއި އެއްވަރުގެ ކޯޑެކެވެ. ކުންފުނިތަކުން ފްލޭޝް ކޯލްސް އިޚްތިޔާރުކުރާ ސަބަބު ގިނަ ކުންފުނިތަކުން ފްލޭޝް ކޯލްސް އިޚްތިޔާރުކުރަން ފަށާފައިވަނީ އަންނަނިވި ސަބަބުތަކާ ހުރެއެވެ:

  • އޯޓީޕީ އެސްއެމްއެސްއަށް ޓެލެކޮމިއުނިކޭޝަން ޚިދުމަތްދޭ ފަރާތްތަކުން އަގު ނެގުން
  • އެސްއެމްއެސް މެދުވެރިކޮށް ފޮނުވާ އޯޓީޕީ ރައްދުވުމުގައި ލަސްތަކެއް ހުރުން
  • ފްލޭޝް ކޯލްސްގެ އަގު ހެޔޮވުމާއި އަވަސްވުން

ސަމާލުވާންޖެހޭ ކަންތައްތައް ސައިބަރ ކްރައިމް ސެންޓަރުން ހާމަކޮށްފައިވާ ގޮތުގައި، ޓެކްނޮލޮޖީއަށް އައި މި ބަދަލާއެކު ސްކޭމަރުންވެސް ވަނީ އެމީހުންގެ އުކުޅުތައް ބަދަލުކޮށް، އެކި އުކުޅުތައް ބޭނުންކޮށްގެން މަކަރާއި ހީލަތުން ފްލޭޝް ކޯލްގެ ނަންބަރު ހޯދައި، އެކައުންޓްތައް ހިސޯރުކުރަން ފަށާފައެވެ. "އެއްވެސް އިތުރު ފަރާތަކަށް ތިމާގެ ފޯނަށް ލިބޭ ކޯޑެއް، ގުޅާފައި އިން ނަންބަރެއް އަދި މިސްކޯލެއް ލިބިފައި އިން ނަންބަރެއްވެސް ހިއްސާ ނުކުރުމަށް،" ސައިބަރ ކްރައިމް ސެންޓަރުން ވަނީ އިރުޝާދު ދީފައެވެ. މި އައު ޓެކްނޮލޮޖީއާ ގުޅޭގޮތުން ރައްޔިތުން ހޭލުންތެރިވެ، ފްލޭޝް ކޯލްސް މަސައްކަތްކުރާ ގޮތް ދެނެގަތުމަކީ މުހިންމު ކަމެއްކަމުގައި ސައިބަރ ކްރައިމް ސެންޓަރުން ވަނީ ފާހަގަކޮށްފައެވެ. ފްލޭޝް ކޯލްސްއާ ބެހޭގޮތުން އާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމަށް ސައިބަރ ކްރައިމް ސެންޓަރުން ވަނީ ގޮވާލައިފައެވެ. މިގޮތުން، ކޮންމެ ފަރުދަކުވެސް އެމީހެއްގެ އާއިލާ މެންބަރުންނާއި ރައްޓެހިންނަށް ފްލޭޝް ކޯލްސްއަކީ ކޮބައިކަން ކިޔައިދިނުމަށް އެ ސެންޓަރުން ވަނީ އެދިފައެވެ.