ޝޫޓިންގ ސްޕޯޓްސްގެ ތާރީޚުގައި އޭޝިއާ ފެންވަރުގެ މުބާރާތަކުން ފުރަތަމަ ފަހަރަށް ދިވެހިރާއްޖެއަށް ރިހި މެޑަލް ހޯދައިދިން މަރިޔަމް އީޝަލް މިޞްބާޙަށް, ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަހުނިޔާ ވިދާޅުވެއްޖެއެވެ. ތައިލެންޑުގައި ބޭއްވުނު އޭޝިއަން ރައިފަލް އެންޑް ޕިސްޓަލް ކަޕް 2025 ގައި ދިވެހިރާއްޖޭގެ 15 އަހަރުގެ ޒުވާން ކުޅުންތެރިޔާ މަރިޔަމް އީޝަލް މިޞްބާޙް ވަނީ އަންހެން އެއަރ ޕިސްޓަލް ކެޓަގަރީގެ ޖޫނިއަރ ބައިން ރިހި މެޑަލް ހޯދައި، ޝޫޓިންގ ސްޕޯޓްސްގެ ތާރީޚުގައި ކާމިޔާބީގެ އައު ޞަފްޙާއެއް ލިޔެފައެވެ. މި އުފާވެރި ކާމިޔާބީއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އެކްސް ޕޯސްޓެއްގައި ވަނީ އީޝަލްއަށް ޚާއްޞަ ތަހުނިޔާއެއް ފޮނުއްވާފައެވެ. ރައީސް ޑރ. މުޢިއްޒު ވިދާޅުވީ މިއީ ދިވެހި ކުޅިވަރުގެ ތާރީޚުގައި ވަރަށް މުހިންމު ކާމިޔާބީއެއް ކަމަށާއި، އީޝަލްގެ މި ކާމިޔާބީން ޒުވާން ކުޅުންތެރިންނަށް ވަރަށް ބޮޑު ހިތްވަރެއް ލިބިގެންދާނެ ކަމަށެވެ. އަދި މި ކާމިޔާބީއަކީ ދިވެހި ޤައުމަށް ލިބުނު ފަޚުރުވެރި ވަގުތެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"ޝޫޓިންގ ސްޕޯޓްސްގެ ތާރީޚުގައި އޭޝިއާ ފެންވަރުގެ މުބާރާތަކުން ފުރަތަމަ ފަހަރަށް، ދިވެހިރާއްޖެއަށް ރިހިމެޑަލް ހޯދައިދިން މަރިޔަމް އީޝަލް މިޞްބާޙަށް ތަހުނިޔާ ދަންނަވަން!" ރައީސް ޑރ މުއިއްޒު
މި މުބާރާތުގައި އޭޝިއާގެ 23 ޤައުމަކުން ބައިވެރިވެފައިވާއިރު، އީޝަލް ވަނީ 21 ޤައުމެއްގެ ޝޫޓަރުންނަށްވުރެ މޮޅު ނަތީޖާއެއް ހޯދައި، ފައިނަލްގައި 229.2 ޕޮއިންޓް ހޯދާފައެވެ. ރަން މެޑަލް ހޯދި ޗައިނީސް ތައިޕޭގެ ކުޅުންތެރިޔާ ހޯދާފައިވަނީ 231.2 ޕޮއިންޓެވެ. މި ކާމިޔާބީއަކީ ދިވެހިރާއްޖޭގެ ކުޅިވަރުގެ ތާރީޚުގައި ވަރަށް މުހިންމު ކާމިޔާބީއެއް ކަމަށާއި، ޚާއްޞަކޮށް ޝޫޓިންގ ސްޕޯޓްސްގެ ދާއިރާއިން މިފަދަ ބޮޑު ކާމިޔާބީއެއް ހޯދުމަކީ ކުރިއަށް އޮތް ޖީލުތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ހިތްވަރެއް ކަމުގައި ކުޅިވަރުގެ ދާއިރާގެ މާހިރުން ފާހަގަކުރެއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.