މިސްކިތްތަކާއި ސްކޫލްތަކުގެ ދޮރާށިތަކުގެ އިމުން ފެށިގެން 25 ފޫޓުގެ ސަރަހައްދުގައި ހިމެނޭ އާންމު ތަންތަނުގައި ދުންފަތުގެ އިސްތިއުމާލުކުރުން "ދުންފަތް ކޮންޓްރޯލްކުރުމުގެ އާންމު ޤަވާއިދު"ގެ ދަށުން މަނާކޮށް، ޤަވާއިދާ ޚިލާފުވާ މީހުން 1000 ރުފިޔާއިން ޖޫރިމަނާ ކުރުމަށް ނިންމައިފިއެވެ.
މި ގަވާއިދަށް މި މަހުގެ 12 ވަނަ ދުވަހުން ފެށިގެން ވަނީ ޢަމަލުކުރަން ފަށާފައެވެ.
މި ގަވާއިދުގެ ދަށުން މިސްކިތްތަކާއި ސްކޫލްތަކުގެ އިތުރުން، ސިއްޙީ ޚިދުމަތްދޭ ތަންތަނާއި ބޭސްފިހާރަތަކުގެ ކުރިމަތީގައިވެސް ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރެއެވެ. އަދި މަތީ ތަޢުލީމުދޭ ތަންތަނުގެ ދޮރުމައްޗާއި އެތަންތަނުގެ ގޯތިތެރޭގައިވެސް ދުންފަތުގެ އިސްތިއުމާލުކުރުން ވަނީ މަނާކޮށްފައެވެ.
ދައުލަތުގެ އެންމެހާ އިދާރާތަކާއި ސަރުކާރު ކުންފުނިތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކާއި، ޤާނޫނީ ޝަޚުޞުތަކާއި، ސަރުކާރުގެ ރަސްމީ ޒިންމާ އަދާކުރާ ހުރިހާ ޢިމާރާތްތަކުގެ ގޯތިތެރެއާއި ބެލްކަނިތަކާއި ދޮރުމަތީގައިވެސް ދުންފަތުގެ އިސްތިއުމާލުކުރުން މި ގަވާއިދުގެ ދަށުން މަނާކުރެއެވެ.
މީގެއިތުރުން، ކުޑަކުދިންގެ ޕާކުތަކާއި، މައިޒާންތަކާއި، ޒުވާނުންގެ މަރުކަޒުތަކާއި، ކުޅިވަރުކުޅުމަށް ޚާއްސަ ތަންތަނާއި، ޚާއްސަ އެހީއަށް ބޭނުންވާ މީހުން ބަލަހައްޓާ ތަންތަނާއި އެތަންތަނުގެ ހާމައަށް އޮންނަ ބިންތަކާއި ދޮރުމަތީގައިވެސް ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރެއެވެ.
"ދުންފަތް ކޮންޓްރޯލްކުރުމުގެ އާންމު ޤަވާއިދު"ގެ ދަށުން ގިނަ މީހުން ދިރިއުޅޭ ތަންތަނުގައި ހުންނަ އާންމުން ވަދެނުކުމެ އުޅޭ ތަންތަނުގައިވެސް ދުންފަތުގެ އިސްތިއުމާލު ނުކުރެވޭނެއެވެ. އެގޮތުން އެއް ގެއަށްވުރެ ގިނަ ގޭގެއަށް ވަދެނުކުމެ ހެދުމަށް ހަދާފައިވާ ގޯޅިތަކާއި ކޮޅުބެދިފައިވާ ބަންޑާރަ ގޯޅިތަކުގައިވެސް މިގަވާއިދާއެކު ދުންފަތުގެ އިސްތިއުމާލުކުރުން ވަނީ މަނާކޮށްފައެވެ.
ޤަވާއިދުގައި ބަޔާންކޮށްފައިވާ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ނުކުރެވޭނެކަން އަންގައިދޭ ބޯޑު އާންމުންނަށް ފެންނާނެހެން ބަހައްޓަންޖެހެއެވެ. އަދި ޤަވާއިދުގައި ބަޔާންކުރާ ފަރާތްތަކުން ޤަވާއިދާ ޚިލާފުވާނަމަ އެފަރާތްތަކާމެދު ފިޔަވަޅު އެޅުމުގެ ބާރު ތަންފީޒީ އިދާރާތަކަށް މިގަވާއިދުގެ ދަށުން ލިބިދެއެވެ. އެގޮތުން އާއްމު ފަރުދަކު މިގަވާއިދާ ޚިލާފުވެއްޖެނަމަ ފުރަތަމަ ފަހަރު 1000 ރުފިޔާ، ދެވަނަ ފަހަރުނަމަ 2000 ރުފިޔާ އަދި 3 ވަނަ ފަހަރުން ފެށިގެން ކޮންމެ ފަހަރަކު 3000 ރުފިޔާގެ ޖޫރިމަނާއެއް ކުރާނެއެވެ.
ދުންފަތުގެ އިސްތިއުމާލުކުރުމާ ދެކޮޅަށް ރާއްޖޭގައި މިހާރު ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި ގަވާއިދަކީ އެ މަސައްކަތްތަކުގެ ތެރެއިން އެޅުނު އެންމެ ފަހުގެ ފިޔަވަޅެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.