ކުޑަކުދިން ކުށްތަކަށް އަރައިގަންނަން މެދުވެރިވާ ސަބަބުތައް ދެނެގަތުމަށްޓަކައި ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއިން ދިރާސާއެއް ކުރުމުގެ މަސައްކަތް ފަށައިފިއެވެ.
މި ދިރާސާގެ މަސައްކަތް ކުރިއަށްގެންދަނީ އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އާ ގުޅިގެންނެވެ.
ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްގެ ސޯޝަލް ސަރވިސް ކޯޑިނޭޓަރ ޙައްވާ ޒިމްނާ ވިދާޅުވި ގޮތުގައި، މި ދިރާސާގެ ޕްރޮޕޯސަލްގެ މަސައްކަތް ވަނީ ނިމިފައެވެ. އަދި މިހާރު ކުރިއަށްދަނީ ދިރާސާއަށް ބޭނުންވާ ފަންޑިންގ ހޯދުމުގެ މަސައްކަތެވެ.
"އަޅުގަނޑުމެންނަށް އެނގިގެން މީގެކުރިން ނެތް މިފަދަ ދިރާސާއެއް ކުރެވިފައި. އެހެންނަމަވެސް މިޤާނޫނުން މިކަން ކުރުމަށް ލާޒިމްކުރޭ. އެގޮތުން އަޔޫއެމްއެމްއާއެކު ކުރެވޭ މަސައްކަތުން މިހާރު ޕްރޮޕޯސަލްގެ މަސައްކަތް ނިމިއްޖެ. އަދި މިއަހަރުގެ ތެރޭގައި މިދިރާސާގެ މަސައްކަތް މިއަހަރު ނިންމާ ޕަބްލިޝްކުރެވޭނެކަމަށް މިއުއްމީދުކުރަނީ،" ޒިމްނާ ވިދާޅުވިއެވެ.
2020 ވަނަ އަހަރު ޢަމަލުކުރަން ފެށި ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގެ ދަށުން، މިފަދަ ދިރާސާއެއް ކުރުމަކީ ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްގެ މައްޗަށް ލާޒިމް ކަމެކެވެ. ރާއްޖޭގައި ކުށަށް އަރައިގަންނަ ކުދިންގެ ޢަދަދު ކަންބޮޑުވާ މިންވަރަށް އިތުރުވަމުންދާއިރު، ކުދިން އެފަދަ ނޭދެވޭ ކަންކަމަށް ހުށަހެޅެން މެދުވެރިވާ ސީދާ ސަބަބުތައް ބެލުމަށް މީގެކުރިން ރަސްމީ ސިފައެއްގައި ދިރާސާއެއް ކުރެވިފައި ނުވާކަން ފާހަގަކުރެވެއެވެ.
ކަމާބެހޭ އިދާރާތަކުން ފާހަގަކުރައްވާ ގޮތުގައި، ގަސްތުގައި ކުދިން ބޭނުންކޮށްގެން ކުށްކުރާ ފަރާތްތައް މުޖުތަމަޢުގައި އެބަތިބިއެވެ. ޚާއްޞަކޮށް މަސްތުވާތަކެތީގެ ވިޔަފާރީގައި 18 އަހަރުން ދަށުގެ ކުދިން ޝާމިލުކޮށްގެން ކުށަށް އަރައިގަންނަމުންދާކަން ވަނީ ފާހަގަކުރެވިފައެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.