ކޯޓުތަކުގެ ހިންގުމުގެ ނިޒާމު ހަރުދަނާކުރުމަށް ސިލްސިލާކޮށް ކުރިއަށްގެންދާ ފަނޑިޔާރުންގެ މަހާސިންތާގެ މިއަހަރުގެ ބައްދަލުވުން މިއަދު ފަށައިފިއެވެ. ޖުޑީޝަލް އެކަޑަމީން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މި ދެ ދުވަހުގެ މަހާސިންތާ އިފްތިތާޙުކޮށްދެއްވީ އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާންއެވެ.
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި މަހާސިންތާގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވޭނީ އިސްލާމިކް ފައިނޭންސިންގ އާއި މަދަނީ އިޖުރާއަތުގެ ދަށުން މައްސަލަތައް ތަންފީޒުކުރުމުގައި ދިމާވާ ގޮންޖެހުންތަކާ ގުޅޭ ގޮތުންނެވެ. މީގެ އިތުރުން ފައިސާ ނުހިމެނޭ ޙުކުމް ތަންފީޒުކުރުމާއި މެރިއޭޖް ރިފޯމްއާ ގުޅޭ ކަރުދާހެއްވެސް މި މަހާސިންތާގައި ހުށަހެޅުމަށް ވަނީ ހަމަޖެހިފައެވެ.
މަހާސިންތާގައި އަލިއަޅުވާލާ މުހިންމު ކަންތައްތަކުގެ ތެރޭގައި ކޯޓުތަކާއި ފަނޑިޔާރުންނަށް ދިމާވާ ގޮންޖެހުންތައް ހިމެނެއެވެ. މުވައްޒަފުންނަށް ދިމާވާ ދަތިތަކާއި، ކޯޓުތަކުގެ ޖާގައިގެ ދަތިކަމުގެ އިތުރުން ކޯޓުތަކަށް ބޭނުންވާ ވަޞީލަތްތައް ހޯދުމުގައި ހުރި ދަތިތަކާ ގުޅޭގޮތުން މަޝްވަރާކުރެވޭނެ ކަމަށް ޑީޖޭއޭއިން ވަނީ ފާހަގަކުރައްވާފައެވެ.
އިސްލާމިކް ފައިނޭންސްގެ ދާއިރާއަށް ޚާއްޞަ ސަމާލުކަމެއް ދެވޭ މި މަހާސިންތާގައި، ކޮންޓްރެކްޓްތައް އެކުލަވާލުމާއި، ކޮމްޕްލެކްސް ސްޓްރަކްޗަރތަކުގައި ޝަރީޢަތުގެ ޢަމަލުތައް ބަލަހައްޓާނެ ގޮތްތަކުގެ އިތުރުން، އިސްލާމިކް ފައިނޭންސްގެ މައްސަލަތަކުގައި ޤާނޫނު ބަލާނެ ގޮތްތަކާމެދު ކަމާ ގުޅުންހުރި އެހެނިހެން އިދާރާތަކާއެކު މަޝްވަރާކުރެވޭނެއެވެ.
މި މަހާސިންތާއަކީ 2016 ވަނަ އަހަރުން ފެށިގެން ކޯޓުތަކުގެ އިދާރީ ހިންގުން ހަރުދަނާކުރުމުގެ މަޤްޞަދުގައި ސިލްސިލާކޮށް ބާއްވަމުން އަންނަ މަހާސިންތާއެއް ކަމެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.