ފެނަކަ ކޯޕަރޭޝަނުން ހިންގަމުން ދިޔަ 14 އައިސްޕްލާންޓެއް މިއަދު މިފްކޯގެ ބެލުމުގެ ދަށަށް ބަދަލުކޮށްފިއެވެ. މި އައިސްޕްލާންޓްތައް ބަދަލުކުރުމަށް ދެ ކުންފުނީގެ މެދުގައި ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ނަޖާހާއި މިފްކޯގެ ސީއީއޯ ޑރ. ވިޓާލީ ލުބިމޯވްއެވެ. މިފްކޯއިން މިއަދު ނެރުނު މީޑިއާ މެސެޖެއްގައި ބުނެފައިވާ ގޮތުން، މި އައިސްޕްލާންޓްތައް އަލުން ހިދުމަތް ދޭން ފެށުމަށްޓަކައި ޓެކްނިކަލް އަދި އިންޖިނޭރުންގެ ޓީމުތަކުން މިހާރުވެސް ދަނީ މަސައްކަތް ކުރަމުންނެވެ.

މިފްކޯގެ ބެލުމުގެ ދަށަށް ބަދަލުކުރެވުނު އައިސްޕްލާންޓްތަކުގެ ތެރޭގައި ހއ. އިހަވަންދޫ، ނ. ޅޮހި، ރ. އަލިފުށި، ބ. ތުޅާދޫ، ފ. ފީއަލި، ފ. ނިލަންދޫ، ގއ. ދާންދޫ، ގއ. ދެއްވަދޫ، ގއ. ގެމަނަފުށި، ގއ. ކޮލަމާފުށި، ގދ. ފަރެސްމާތޮޑާ، ގދ. ފިޔޯރީ އަދި ސ. ހިތަދޫގެ އައިސްޕްލާންޓްތައް ހިމެނެއެވެ.

ފެނަކަ ކޯޕަރޭޝަނުން ފާހަގަކުރި ގޮތުގައި މި އައިސްޕްލާންޓްތައް މިފްކޯގެ ދަށަށް ބަދަލުކުރުމުން، މިފްކޯއިން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު އިތުރަށް ރަނގަޅުވެގެންދާނެއެވެ. މި ބަދަލާއެކު މަސްވެރިންނަށް ދެވޭ ޚިދުމަތްތައް އިތުރަށް ފުޅާވެގެންދާނެ ކަމަށް ބެލެވެއެވެ