ފަތުރުވެރިކަމާއި ސަގާފަތުގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމަށް ދިވެހިރާއްޖެއާއި ތުރުކީއާ ދެމެދު މުހިންމު މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފިއެވެ.

މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ ތުރުކީގެ ވެރިރަށް އަންކާރާގައި ހުންނަ އެޤައުމުގެ ފަތުރުވެރިކަމާއި ސަގާފަތާ ބެހޭ ވުޒާރާގައެވެ.

ދިވެހިރާއްޖެއިން ތުރުކީއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ލެފްޓިނެންޓް ޖެނެރަލް (ރޓ) ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް އާއި ތުރުކީގެ ފަތުރުވެރިކަމާއި ސަގާފަތާ ބެހޭ ވަޒީރު މެހެމަތް ނޫރީ އެރްސޯއީ އާ ދެމެދު ބޭއްވުނު މި ބައްދަލުވުމުގައި، ދެ ޤައުމުގެ ދެމެދު ފަތުރުވެރިކަމާއި ސަގާފަތުގެ ދާއިރާއިން އެއްބާރުލުން އިތުރުކުރެވޭނެ ގޮތްތަކާމެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ.

މި ބައްދަލުވުމުގައި ދެ ޤައުމުގެ ދެމެދު ސީދާ ވައިގެ ދަތުރުތައް އިތުރުކުރުމުގެ މުހިންމުކަމާއި، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހުރި އިންވެސްޓްމަންޓް ފުރުސަތުތަކަށް ޚާއްސަ ސަމާލުކަމެއް ދެވުނެވެ. އަދި ދެ ޤައުމުގެ ސަގާފީ ގުޅުން އިތުރަށް ބަދަހިކުރުމުގެ މުހިންމުކަމަށްވެސް ވަނީ އަލިއަޅުވާލާފައެވެ.

މި މުހިންމު ބައްދަލުވުމުގައި ސަފީރުގެ އިތުރުން، ތުރުކީގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ޑެޕިއުޓީ އެމްބެސަޑަރ ޢަބްދުލްވާރިޘް ސަޢީދު އާއި އެމްބަސީގެ ސެކަންޑް ސެކްރެޓަރީ އިސްމާއީލް ނިޔާޒް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.