ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ގައި ދިމާވެދާނެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތަކަށް ތައްޔާރުވުމުގެ ގޮތުން ބޭއްވި ޕާޝަލް އިމަޖެންސީ އެކްސަސައިޒް ކާމިޔާބު ކަމާއެކު މިއަދު ނިންމާލައިފިއެވެ. މި ތަމްރީނަކީ އެއަރޕޯޓުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރިއަށް ގެންދެވުނު މުހިންމު ހަރަކާތެކެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އާ ގުޅިގެން ކުރިއަށް ގެންދިޔަ މި ހަރަކާތުގެ މައިގަނޑު މަޤްސަދަކީ ވީއައިއޭގައި ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތެއް ދިމާވެއްޖެ ނަމަ، ކަމާގުޅޭ އެކި އިދާރާތަކާއި އޭޖެންސީތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ހަރުދަނާކޮށް، މަސައްކަތްތައް ވިލަރެސްކުރުން ވަރުގަދަ ކުރުމެވެ.

މި ތަމްރީނު ހަރަކާތުގައި އިމަޖެންސީ ރެސްޕޮންސް ސިމިއުލޭޝަން ފުރިހަމަކުރުމަށް ބިއޯންޑް އެއާލައިން އިން ވަނީ ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދީފައެވެ. މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ފާހަގަކުރި ގޮތުގައި، އެއާޕޯޓުގެ އާންމު އޮޕަރޭޝަންތަކާއި ޝެޑިއުލް ފްލައިޓްތަކަށް އެއްވެސް ބުރޫއެއް ނާރާ ގޮތަށް މި ހަރަކާތް ނިންމާލެވުމަކީ ލިބުނު ބޮޑު ކާމިޔާބީއެކެވެ.

ވީއައިއޭގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެންމެ މަތީ ދަރަޖައަށް ތަންފީޒު ކުރާކަން ކަށަވަރު ކުރުމަށާއި، ދިމާވެދާނެ އެކިކަހަލަ ކުއްލި ހާލަތްތަކަށް މުވައްޒަފުންނާއި ވަސީލަތްތައް ތައްޔާރުވެ ތިބުމަށް އެމްއޭސީއެލް އިން ދަނީ ސިލްސިލާކޮށް ތަފާތު ހަރަކާތްތައް ބާއްވަމުންނެވެ. މީގެ ތެރޭގައި ގަވާއިދުން ބާއްވާ އެއާޕޯޓް ފުލް ސްކޭލް އިމަޖެންސީ އެކްސަސައިޒް (އެފެކްސް) ފާހަގަކޮށްލެވެއެވެ.