ދ. މާއެނބޫދޫގެ ބިންހިއްކުމަށް ބޭނުންވާ ތިމާވެށީގެ ދިރާސާ (އީއައިއޭ) ގެ މަސައްކަތް ކުރިއަށް އޮތް ދެތިން ހަފްތާގެ ތެރޭގައި ނިންމާ ޢަމަލީ މަސައްކަތް ފެށޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުޢިއްޒު އިބްރާހީމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އިއްޔެ (ތާރީޚް) މާއެނބޫދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މާއެނބޫދޫއަށް އެމަނިކުފާނު ވަޑައިގަތީ އެރަށުގެ ތަރައްޤީއަށް ކުރުމަށް ރިޔާސީ އިންތިޚާބުގައި ވައުދުވެވަޑައިގެންނެވި މަޝްރޫޢުތަކުގެ ތެރެއިން ވަޢުދުވެފައިވާ ބިން ހިއްކުމުގެ މަސައްކަތް އަވަހަށް ފަށްޓަވާނެކަމުގެ ޔަޤީންކަން ދެއްވުމަށްކަމަށް ވިދާޅުވިއެވެ. އެގޮތުން އީއައިއޭ ނިމުމާއެކު އެމްޓީސީސީން ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ފަށާނެކަމަށާއި، 30 ހެކްޓަރުގެ ބިން ހިއްކާ ނިންމަވާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"މި މަޝްރޫޢުގައި ތިބޭފުޅުން ބޭނުންވާގޮތަށް 2 ހެކްޓަރު ވަކި ރަށެއް ގޮތަށް ހިއްކޭނެ. މިރަށުގެ ރައްޔިތުން އެންމެ އިސްކަންދޭ މައްސަލައަކީ ބިމުގެ ދަތިކަން ހައްލުކުރުން. ސަރުކާރުންވެސް އިސްކަންދެނީ އެރަށެއްގެ ރައްޔިތުން އިސްކަންދޭ މަޝްރޫޢު ހިންގަން," ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެ އިތުރުން، މާއެނބޫދޫގެ ތަރައްޤީއަށް އެހެން މަޝްރޫޢުތަކެއްވެސް ކުރިއަށްދާނެކަމަށް ރައީސް ވިދާޅުވިއެވެ. އޭގެ ތެރޭގައި ހުއްޓިފައިވާ ފެނާއި ނަރުދަމާގެ މަޝްރޫޢު، ސްކޫލް މަލްޓިޕަރޕަސް ހޯލުގެ މަސައްކަތް، ސިއްޙީ މަރުކަޒު ތަރައްޤީކުރުން، އަދި ކުޅިވަރުގެ ވަސީލަތްތައް ޤާއިމްކުރުން ހިމެނެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، މުޅި ރާއްޖޭގައި ހުއްޓިފައިވާ މަޝްރޫޢުތައް މިމަހާއި މާރިޗު މަހުގައި ފެށިގެންދާނެކަމަށެވެ. އަދި ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރާއި، އައުޓްޑޯ ޖިމާއި، ކުޑަކުދިންގެ ޕާކް ހެދުން ނިންމަވާނެކަމަށްވެސް ވިދާޅުވިއެވެ.