ރާއްޖޭގެ އުތުރުގައި ޤާއިމްކޮށްފައިވާ 21 ފެރީ ސްޓޮޕް ކައުންސިލްތަކާ ހަވާލުކުރުމަށްޓަކައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވުޒާރާއާ ހަވާލުކޮށްފިއެވެ. މި ފެރީ ސްޓޮޕްތަކަކީ މުޅި ރާއްޖެ ގުޅުވައިދޭ ދަތުރުފަތުރުގެ ނިޒާމު، އާރްޓީއެލް ނިޒާމުގައި ބޭނުންކުރާނެ ފެރީ ސްޓޮޕްތަކެކެވެ.
މިކަމާ ގުޅޭގޮތުން ވިލާ ކޮލެޖުގައި ބޭއްވުނު ރަސްމިއްޔާތެއްގައި އެމްޓީސީސީއާއި، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވުޒާރާއާއި، ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވުޒާރާއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރެވުނެވެ. މި އެއްބަސްވުމުގައި ސޮއިކުރުމަށްފަހު، ފެރީ ސްޓޮޕްތައް ހަވާލުކުރުމުގެ ލިޔުން އިދާރީ ދާއިރާތަކާބެހޭ ވުޒާރާއާ ހަވާލުކުރެވުނެވެ.
ދަތުރުފަތުރާބެހޭ ވުޒާރާގެ ފަރާތުން ލިޔުން ހަވާލުކޮށްދެއްވީ ވަޒީރު މުޙައްމަދު އަމީނެވެ. އަދި އިދާރީ ދާއިރާތަކާބެހޭ ވުޒާރާގެ ފަރާތުން ލިޔުމާ ހަވާލުވެވަޑައިގަތީ ވަޒީރު އާދަމް ޝަރީފް ޢުމަރެވެ.
މި އެއްބަސްވުމުގެ ދަށުން، އާރްޓީއެލްގެ ޒޯން 1 ހިމެނޭ ހއ، ހދ އަދި ށ އަތޮޅުގައި ޤާއިމްކޮށްފައިވާ ފެރީ ސްޓޮޕްތައް އިދާރީ ދާއިރާތަކާބެހޭ ވުޒާރާއާ ހަވާލުކުރެވުނެވެ. މި ވުޒާރާގެ ބެލުމުގެ ދަށުން، މި ފެރީ ސްޓޮޕްތައް ކައުންސިލްތަކުން ބަލަހައްޓާ ގޮތަށް ބަދަލުކުރެވޭނެއެވެ.
އިދާރީ ދާއިރާތަކާބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވިގޮތުގައި، މި އެއްބަސްވުމުގެ ދަށުން ކައުންސިލްތަކަށް ފެރީ ސްޓޮޕްތައް ބެލެހެއްޓުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. އަދި ފެރީ ސްޓޮޕްތަކާއި އެ ސްޓޮޕްތައް ޤާއިމްކުރެވިފައިވާ ބިމާ ގުޅޭ ހުރިހާ ޙައްޤުތައް ކައުންސިލްތަކުގެ ދަށަށް ބަދަލުކުރެވޭނެއެވެ. މީގެ ސަބަބުން ކޮމާޝަލް އޭރިއާތަކާއި އިންވެގެންވާ ސަރަހައްދު ކުއްޔަށް ދިނުމާއި މާލީ މަންފާ ލިބިގަތުމުގެ ޙައްޤު ކައުންސިލްތަކަށް ފުރިހަމައަށް ލިބިގެންދާނެކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.
ރާއްޖޭގެ ރަށްތައް ދަތުރުފަތުރުގެ ނިޒާމުން ގުޅާލުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްދަނީ 6 ޒޯނަކަށް ބަހާލައިގެންނެވެ. އެންމެ ފަހުން މި ޚިދުމަތް ފެށިފައިވަނީ ނ. އަތޮޅުގެ މީހުން ދިރިއުޅޭ 13 ރަށެއްގައެވެ. މިއާއެކު ރާއްޖޭގެ 9 އަތޮޅެއްގެ 81 ރަށް އާރްޓީއެލް ފެރީގެ ޚިދުމަތުން ގުޅާލެވިފައިވެއެވެ.
ދެން އެންމެ އަވަހަށް މި ޚިދުމަތް ފެށުމަށް ހަމަޖެހިފައިވަނީ ރ އަދި ބ އަތޮޅުގައެވެ. މި ދެ އަތޮޅުގައި ޖުލައި މަހުގެ ނިޔަލަށް ޚިދުމަތް ފެށުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.