ބޯކޮށް ވެހުނު ވާރޭއާ ގުޅިގެން މާލޭމަގުތަކުގައި ފެންބޮޑުވެ، މަގުތަކަށް ނަޖިސް ބޭރުވުމުގެ ސަބަބުން 4 ގެއަކުން 40 މީހަކު ރައްކާތެރި ތަންތަނަށް ބަދަލުކުރުމުގެ މަސައްކަތް ފަށައިފިއެވެ. މި މަޢުލޫމާތު ހާމަކޮށްފައިވަނީ ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިންނެވެ.
އެންޑީއެމްއޭއިން އެކްސް (ކުރީގެ ޓްވިޓަރ) ގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، މި ހާދިސާއާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން 4 ގެއަކުން 40 މީހަކު ރައްކާތެރި ތަންތަނަށް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި ކުރީގެ ހައުސިންގ މިނިސްޓްރީ ހުރި ބިމުގައި އާންމު ފަރާތްތަކަށް ވެލިބަސްތާ ދޫކުރުމުގެ އިންތިޒާމު އެ އޮތޯރިޓީއާއި ސިޓީތަކާ ބެހޭ އިދާރާއިން ހަމަޖައްސާފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
މީގެ އިތުރުން، ކ. އަތޮޅު ތ ތުލުސްދޫގައިވެސް ބޯކޮށް ވާރޭވެހި ފެންބޮޑުވެ، ބައެއް ގޭގެއިން ނަޖިސް ލީކުވެގެން ރިޕޯޓުކޮށްފައިވާ ކަމަށް އެންޑީއެމްއޭއިން ފާހަގަކޮށްފައިވެއެވެ. މިފަދަ ހުރިހާ ހާދިސާތަކަށް އިޖާބަދިނުމުގެ މަސައްކަތް ކައުންސިލްތަކާ ގުޅިގެން ކުރިއަށްގެންދާ ކަމަށްވެސް އެ އިދާރާއިން ބުނެފައިވެއެވެ.
ނަޖިސް ލީކުވުމުގެ ހާދިސާތަކުގެ އިތުރުން، ކ. އަތޮޅުގެ ހިންމަފުށި، ހުރާ އަދި ގުރައިދޫގައިވެސް ބޯކޮށް ވާރޭވެހުމުގެ ސަބަބުން ވަރަށް ބޮޑަށް ފެންބޮޑުވެ، ގިނަ ގޭގެއަށް ގެއްލުންވެފައިވާ ކަމަށް އެންޑީއެމްއޭއިން މަޢުލޫމާތު ދީފައިވެއެވެ.
މޫސުމާ ބެހޭ އިދާރާއިން ނެރެފައިވާ އެންމެ ފަހުގެ އިންޒާރުގައި ބުނެފައިވަނީ، ބ. އަތޮޅުން މ. އަތޮޅަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އެ އިދާރާއިން ވަނީ މި ސަރަޙައްދުތަކަށް ރީނދޫ ސަމާލުކަމުގެ ނިޝާން ނެރެފައެވެ. ނަމަވެސް، މިއަދު ވިއްސާރަ އަލިވުމުގެ ނިޝާނެއް އަދި ފެންނަން ނެތް ކަމަށް ވެސް ބުނެފައިވެއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.