އަވަސް އެޕް މެދުވެރިކޮށް ދަތުރުކޮށްދޭ ޓެކްސީ ޑްރައިވަރެއްގެ އަހުލާގީ މައްސަލައަކާ ގުޅިގެން އެ ކުންފުނިން ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅައިފިއެވެ.

އަވަސް އެޕުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި މަހުގެ 1 ވަނަ ދުވަހުގެ ރޭގަނޑު ހުޅުމާލެއިން މާލެއަށް ކުރި ދަތުރެއްގައި އެ އެޕްގެ ޑްރައިވަރަކު ފަސިންޖަރަކާ މެދު ބޭއަދަބީކޮށް މުޢާމަލާތްކޮށް، އަދި ދަތުރު ދާން ބޭނުންވި ތަނަށް ނުގެންދިޔަ ކަމަށް ބުނެ މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ.

"މި މައްސަލައާއި ގުޅިގެން ދެ ފަރާތާއި ވާހަކަ ދައްކާ ތަހުގީގު ކުރުމަށްފަހު އިއްޔެއިން ފެށިގެން އެ ކުންފުނިން އެ ޑްރައިވަރަށް ދީފައިވާ ހުރިހާ ހިދުމިހާ ހިދުމަތެއް (އަވަސް ރައިޑް އެޕް، އަވަސް އެޕް، ޓެކްސީ ސެންޓަރު) ވަނީ ދާއިމީ ގޮތެއްގައި ކަނޑާލާފައި،" އަވަސް އެޕުން ބުންޏެވެ.

އަވަސް އެޕުން އިތުރަށް ބުނެފައިވަނީ މި މައްސަލައިގައި ކަން ހިނގާދިޔަ ގޮތުގެ ތަފްސީލް ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސް އަދި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނަށް ހުށަހަޅާފައި ކަމަށެވެ. އަދި މި ފަދަ އަމަލުތަކަށް އެކަށީގެންވާ ހަރުކަށި ފިޔަވަޅު އެޅުމަށް ކަމާ ބެހޭ އިދާރާތަކަށް އިލްތިމާސް ކޮށްފައިވާ ކަމަށެވެ.

މިކަމާ ގުޅިގެން އަވަސް އެޕުން ވަނީ އެ ޓެކްސީގައި ދަތުރު ކުރި ފަސިންޖަރުގެ އަރިހުން މާފަށް އެދިފައެވެ. އަދި އެފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށް ހަރުކަށި ފިޔަވަޅުތަކެއް އަޅަމުންދާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.