ސާކްގެ ސެކެޓްރީ ޖެނެރަލް އިސާލަ ރުވާން ވީރަކޫން ރާއްޖެ ވަޑައިގެންފިއެވެ.

ސާކްގެ ސެކެޓްރީ ޖެނެރަލްގެ މިދަތުރުފުޅަކީ 5 ދުވަހުގެ މުއްދަތަށް ކުރައްވާ ދަތުރުފުޅެއްގެ ގޮތުގައި ފޮރިން މިނިސްޓްރީން މަޢުލޫމާތު ދެއްވައެވެ.

ފޮރިން މިނިސްޓްރީން މަޢުލޫމާތު ދެއްވާ ގޮތުގައި، ސެކްރެޓަރީ ޖެނެރަލްގެ މި ދަތުރުފުޅުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ރާއްޖޭގެ ފޮރިން ސެކްރެޓަރީ ޢަބްދުލްޣަފޫރު މުޙައްމަދާއި، އެމްބެސެޑަރ އެޓް ލާޖް އަދި ސާކްގެ ސެކްރެޓަރީ ޖެނެރަލްކަން ކުރިން ކުރައްވާފައިވާ އަޙްމަދު ސަލީމާއި އެމަނިކުފާނު ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވެއެވެ. މީގެއިތުރުން ވެސް ކުރީގެ ރައީސް، މައުމޫން ޢަބްދުލްޤައްޔޫމާއި، ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް އާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ސާކްގެ ސެކެޓްރީ ޖެނެރަލްގެ މަގާމާއި ހަވާލުވުމަށްފަހު ރާއްޖެ އަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. އެމަނިކުފާނު މަގާމާ ހަވާލުވެވަޑައިގެންނެވީ މިދިޔަ އަހަރުގެ މާޗު މަހު އެވެ.