ސ. ހިތަދޫ، ވަރުދީގޭ، އަހުސަން ބަޝީރު މަރާލި މައްސަލައިގައި ދައުވާ އުފުލާފައިވާ މއ. ވީނަސްތަރި، ހަސަން ޝިމާޒް އާއި ގ. ކޯޒީ، އިބްރާހިމް ޝަހުމް އަށް މަރުގެ އަދަބު ދިނުމަށް އަހުސަންގެ ވާރިސުން ބޭނުންވަކަމަށް ހައިކޯޓުގައި މިއަދު ބުނެފިއެވެ. އަހުސަން މަރާލާފައިވަނީ ވަޅިން ހަމަލާދީ، 2011 ވަނަ އަހަރުގެ މާރިޗު މަހުގެ 16 ވަނަދުވަހުގެ ރޭ މެންދަމުން 3:20 އެހައިކަންހާއިރު، އަލިކިލެގެފާނުމަގާއި މަޖީދީމަގާއި ގުޅުނު ކަންމަތީގައި އޭނާ އުޅެނިކޮށް ސައިކަލެއްގައި ދިޔަ ދެމީހެކެވެ.
މިމައްސަލާގައި ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ ދައުވާ އުފުލާފައިވާ ދެމީހުންގެ މައްޗަށްވެސް ކުށް ސާބިތުނުވާ ކަމަށެވެ. ނަމަވެސް ދައުލަތުން ހައިކޯޓުގައި މައްސަލަ އިސްތިއުނާފް ކުރުމުން، މަރުމަތީގައި ބުނި ބަހަށް ރިއާޔަތްކޮށް ހައިކޯޓުންވަނީ އެދެމީހުންގެ މައްޗަށްވެސް ކުށް ސާބިތުވާކަމަށް ކަނޑައަޅައިފައެވެ. މިއަދު އެމައްސަލާގައި ބޭއްވި އަޑުއެހުމުގަިއ އޮތި އަދަބާ ގުޅޭ ގޮތުން ވާހަކަ ދެއްކުމެވެ. ދައުލަތުން ވިދާޅުވީ މަރުގެ އަދަބު ހިފަން ބޭނުންވާ ކަން ހުރިހާ ވާރިސުން ވެސް އެދިފައިވާ ކަމަށާއި، ނަމަވެސް ދައުލަތުން ދެކެވަޑައިގަންނަވާ ގޮތުގައި މަރުގެ އަދަބު ދެވެން އަންނަނީ ޝަހުމަށެވެ. ޝިޒާމަށް ދެވޭނީ 17 އަހަރުގެ ޖަލު ހުކުމެއްގެ އަދަބު ކަން ދައުލަތުން ފާހަގަ ކުރައްވައެވެ. ދައުލަތުން ފާހަގަ ކުރައްވާ ގޮތުގައި، ގާނޫނުލް އުގޫބާތާއި، ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާ ކުރުމުގެ ގާނޫނުގެ ދަށުން ބެލިއަސް ޝަހުމަށް ދެވޭނީ މަރުގެ އަދަބު ކަމަށް ދައުލަތުން ވިދާޅުވެއެވެ. އެހެންވިޔަސް މައްސަލަ ބައްލަވާ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު މުހައްމަދު ނިޔާޒް ވިދާޅުވީ އިސްލާމީ ޝަރީއަތުގައި އޮންނަ އުސޫލަށް ރިއާޔަތް ކުރާއިރު، އަހުސަން މަރަން ޝަހުމްއާއި ޝިމާޒާ ދެމެދު އެއްބަސްވި ކަން ދައުލަތަށް ސާބިތުކޮށް ނުދެވޭ ކަމަށެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.