މޮޅަދޫ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އަދި މޮޅަދޫ ސްކޫލް ގުޅިގެން ކުރިއަށްގެންދާ "ނޫރު މަދަހަ މުބާރާތުގެ" ދެވަނަ ސީޒަނުގެ ފައިނަލް ރައުންޑް މިރޭ 21:30 ގައި މޮޅަދޫ ސްކޫލްގައި ބޭއްވުމަށް  ނިންމާފައިވާއިރު، އެ މުބާރާތުގެ ގެސްޓް ޖަޖަކަށް ހަމަޖެހިފައިވަނީ ރާއްޖޭގެ ކާމިޔާބު އަދި ރަން އަޑެއްގެ ވެރި ޝަލަބީ އިބްރާހިމް ކަމަށް މައުލޫމާތު ލިބިއްޖެއެވެ. ނޫރު މަދަހަ މުބާރާތުގެ ފުރަތަމަ ސީޒަން ބާއްވާފައިވަނީ މިދިޔަ ރަމަޟާން މަހުގައެވެ. އެ މުބާރާތުން އެއްވަނަ ހޯދާފައިވަނީ މޮޅަދޫ ބަގީޗާގެ ހަސަން ޝިޔާމްއެވެ.

މި މުބާރާތުގެ ފައިނަލް ރައުންޑްގައި ގެސްޓް ޖަޖެއްގެ ގޮތުގައި ބައިވެރިވާނީ ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޝަލަބީ އިބްރާހިމްއެވެ. މޮޅަދޫ ކައުންސިލްގެ ރައީސް މުހައްމަދު ސިނާދު "ހުވަދޫމީޑިއާ" ވިދާޅުވި ގޮތުގައި ޝަލަބީ މިހާރު ވަނީ އެރަށަށް ވަޑައިގެންފައެވެ. ޝަލަބީއަކީ ލަވަކިޔުމުގެ އިތުރުން، މަދަހަ ހުށަހަޅައިދީފައިވާ އަދި ރީތިކޮށް ޤުރުއާން ކިޔަވާ ބޭފުޅެކެވެ.

މި މަހުގެ 5 ވަނަ ދުވަހު ފެށުނު މި މުބާރާތުގައި 56 ބައިވެރިން ބައިވެރިވެފައިވާއިރު، މިރޭ ބޭއްވޭ ފައިނަލް ރައުންޑްގައި 12 ބައިވެރިން މަދަހަ ހުށަހަޅައިދޭނެއެވެ. މުބާރާތުގެ ފައިނަލް ރައުންޑް މޮޅަދޫ ކައުންސިލްގެ ފޭސްބުކް ޕޭޖުން ލައިވްކޮށްދޭނެއެވެ.

މުބާރާތުގެ އެއްވަނަ ބައިވެރިޔާއަށް 5000 ރުފިޔާ، ދެވަނަ ބައިވެރިޔާއަށް 2500 ރުފިޔާ އަދި ތިންވަނަ ބައިވެރިޔާއަށް 1500 ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ. މުބާރާތުގެ ވަނަތައް ކަނޑައަޅާނީ ކޮންމެ އުމުރުފުރައަކުން އެންމެ މޮޅު 3 ބައިވެރިން ފައިނަލް ބުރުގައި ވާދަކޮށް، އެންމެ މަތިން މާކްސް ހޯދާ 3 ބައިވެރިންގެ ތެރެއިންނެވެ.