1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

މަޝްހޫރު އިސްލާމީ އިލްމުވެރިޔާ ޝައިޚް އަބޫ އިސްހާޤް އަލް-ޙުވައިނީ އަވަހާރަވެއްޖެ

Screenshot_20250318_074011_Gallery
އަލްމަރުހޫމް ޝައިޚް އަބޫ އިސްހާޤް އަލް-ޙުވައިނީ
މަރްޔަމް ޝަފާ ސައީދު
334ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ދުނިޔޭގެ އެންމެ މަޝްހޫރު އިސްލާމީ އިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޝައިޚް އަބޫ އިސްހާޤް އަލް-ޙުވައިނީ އަވަހާރަވެއްޖެއެވެ.

އިސްލާމީ ދުނިޔޭގެ އެންމެ އަރާހުންނެވި އެއް ހަދީޘް އިލްމުވެރިޔާ، މިޞްރުގެ ޝައިޚް އަބޫ އިސްހާޤް އަލް-ޙުވައިނީ އަވަހާރަވެވަޑައިގަތީ ޞިއްޙީ މައްސަލަތަކަކަށް ފަރުވާ ހޯއްދަވަމުން ދަނިކޮށް މިޞްރުގެ އިސްކަންދަރިއްޔާގެ ހަސްފަތާލެއްގައެވެ. އެ މަނިކުފާނުގެ އަވަހާރަވުމުގެ ހިތާމަވެރި ޚަބަރު މީސްމީޑިއާގައި ހާމަކުރެއްވީ އެ މަނިކުފާނުގެ ދަރިކަލުން ހާތިމް އަލް-ޙުވައިނީއެވެ.

1956 ވަނަ އަހަރު މިޞްރުގެ ޙުވައިނީ އަވަށުގައި އުފަންވެވަޑައިގެންނެވި ޝައިޚްގެ އަސްލު ނަންފުޅަކީ ހިޖާޒީ މުޙައްމަދު ޔޫސުފް ޝަރީފެވެ. އަލް-ޙުވައިނީގެ ނަމުން އެ މަނިކުފާނު މަޝްހޫރުވެވަޑައިގަތީ އުފަންވެވަޑައިގެންނެވި ރަށާ ގުޅުވައިގެންނެވެ.

300 × 250

މަދަރުސީ ތަޢުލީމު ފުރިހަމަކުރެއްވުމަށްފަހު، ޝައިޚް އަލް-ޙުވައިނީ ވަޑައިގެންނެވީ ޤާހިރާއަށެވެ. އެތާނގައި ޝައިޚް ޢަބްދުލްޙަމީދު ކިޝްކުގެ ދަރުސްތަކުގައި ބައިވެރިވެވަޑައިގަތެވެ. އޭގެފަހުން ޢައިން ޝަމްސް ޔުނިވަސިޓީން ސްޕެނިޝް ބަހާއި ލިޓަރޭޗަރ ދާއިރާއިން ތަޢުލީމު ހާސިލުކުރެއްވިއެވެ.

ޝައިޚް އަލް-ޙުވައިނީ ވަނީ މިޞްރުގައި ޝައިޚް މުޙައްމަދު ނަޖީބު އަލް-މުތީޢީގެ ދަށުން ހަދީޘް ޢިލްމު އުނގެނިވަޑައިގެންފައެވެ. އޭގެފަހުން އުރުދުންއަށް ވަޑައިގެން ސީދާ ޝައިޚް އަލް-ބާނީގެ އަރިހުން އެއް މަސް ދުވަހުގެ މުއްދަތަށް ޢިލްމު ހާސިލުކުރެއްވިއެވެ. އަދި ސަޢުދީ ޢަރަބިއްޔާއަށް ވަޑައިގެން ޝައިޚް އުޘައިމީންއާއި އެހެނިހެން އިލްމުވެރިންގެ އަރިހުން ޢިލްމު އުނގެނިވަޑައިގަތެވެ.

އެއަށްފަހު މިޞްރަށް އެނބުރި ވަޑައިގެން، އެ މަނިކުފާނުގެ މުޅި އުމުރުފުޅު ހޭދަކުރެއްވީ އިސްލާމް ދީނުގެ މަގަށް މުސްލިމުންނާއި ޣައިރު މުސްލިމުންނަށް ގޮވާލެއްވުމުގައެވެ. އެ މަނިކުފާނުގެ އަވަހާރަވުމާ ގުޅިގެން އިސްލާމީ ޢިލްމުވެރިންނާއި ދަރިވަރުން ވަނީ ފުން ހިތާމައެއް ފާޅުކުރައްވާފައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި