ފުވައްމުލަކުގައި ހިންގި މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑު ނެޓްވޯކެއް ހޯދުމަށް ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި ހައްޔަރުކުރި ދެ މީހެއްގެ މައްޗަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ދައުވާ އުފުލައިފިއެވެ.

ދައުވާ އުފުލާފައިވަނީ ފުވައްމުލަކު ދޫޑިގަން، ކަރަންކާވިލާ، އަޙްމަދު ނިއުޝާދު (34 އަހަރު) އާއި ހަމަ އެ ރަށު ދޫޑިގަން، ޒަމާނީގެ، ޙަސަން ޢާޒިމް (29 އަހަރު) ގެ މައްޗަށެވެ. މި ދެމީހުންގެ މައްޗަށް އުފުލާފައިވަނީ ކުށްކުރާ ޖަމާޢަތެއްގައި ބައިވެރިވުމުގެ ކުށާއި މަނީ ލޯންޑްރިންގގެ ކުށުގެ ދައުވާއެވެ.

މި މައްސަލައިގައި ހައްޔަރުކުރެވުނު އިރު ނިއުޝާދުގެ އެކައުންޓްގައި 21.8 މިލިއަނަށްވުރެ ގިނަ ރުފިޔާ ހުރިއިރު، އާޒިމްގެ އެކައުންޓްގައި ހުރީ 6 މިލިއަނާ ގާތްކުރާ އަދަދެއްގެ ރުފިޔާއެވެ. މި ފައިސާއަކީ ކުށްކޮށްގެން ހޯދާފައިވާ ފައިސާކަމަށް ޝައްކުކުރެވޭ ހާލަތުގައި، އެ ފައިސާ އެމީހުން އަތުގައި ބަހައްޓައި ބޭނުންކޮށްފައިވާތީ މަނީ ލޯންޑްރިންގގެ ދައުވާ އުފުލާފައިވާކަމަށް ޕީޖީ އޮފީހުން ބުނެއެވެ.

މި މައްސަލައިގައި ދައުލަތުން ވަނީ އިސްލާމިކް ބޭންކުގެ އެކައުންޓްގައި ހުރި 1.2 މިލިއަން ރުފިޔާއާއި، ހަތަރު ސައިކަލާއި، ފަސް ކާރާއި، ކަނޑު އުޅަނދެއްގެ އިތުރުން ސަންކޮނުއަރ 29 ގުރަޔާއި ރިންގްނެކް 9 ގުރާ ދައުލަތަށް ނަގައިދިނުމަށް އެދިފައެވެ.

މި މައްސަލައަކީ ފުވައްމުލަކުގައި މަސްތުވާތަކެތީގެ ވިޔަފާރިއާ ދެކޮޅަށް ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގެ ދަށުން ހޯދާފައިވާ މައްސަލައެކެވެ. މި މައްސަލައިގެ ޝަރީއަތް ކުރިއަށް ގެންދާނެ ތާރީޚެއް އަދި އިއުލާނުކޮށްފައެއް ނުވެއެވެ.