އއ. ރަސްދޫގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި ވަރަށް ބޮޑަށް ފިހިގެން ފަރުވާދެމުންދާ ދެމަފިރިން ސަލާމަތްވާނެ ކަމުގެ އުއްމީދު ކަނޑާލައިފިއެވެ.

ރޭ 10:30 ހާއިރު ހިނގި ރަސްދޫ ގެއެއްގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުުނު ދެމަފިރިންނަށް ރަށުން ފަރުވާދިނުމަށްފަހު މާލެ ގެނެސް ފަރުވާ ދޭން ވަނީ ފަށާފައެވެ. އެހެންނަމަވެސް ދުވަހުގެ މިހާހިސާބަށް އައިއިރު، އެމީހުން ސަލާމަތް ވެދާނެ ކަމާމެދު ޑޮކްޓަރުން އުއްމީދު ކަނޑަލައިފިކަމަށް މައުލޫމާތު ވަނީ ލިބިފައެވެ. އަންހެން މީހާގެ ހަށިގަނޑުގެ 80 އިންސައްތަ އަދި ފިރިހެން މީހާގެ ހަށިގަނޑުގެ 70 އިންސައްތަ ވަނީ ފިހިފައި ކަމަށާއި އެހާބޮޑަށް ފިހިފައިވާއިރު ސަލާމަތްވާނެކަމުގެ އުއްމީދެއް ނެތް ކަމަށް މައުލޫމާތު ލިބެއެވެ.

އެނގިފައިވާ ގޮތުގައި މި އަލިފާނުގެ ހާދިސާގައި ފިހިފައިވަނީ އއ. އަތޮޅު އޮފީހުގައި މަސައްކަތް ކުރާ އަންހެނެކާއި ބޭންކް އޮފް މޯލްޑިވްސްގެ މުވައްޒަފެއް ކަމަށްވާއިރު ރޯވީ ސީދާ މިދެމަފިރިން ދިރިއުޅޭ ކޮޓަރީގައި ކަމަށްވެއެވެ. ހާދިސާ ހިނގި ވަގުތު ގޭގައި ތިބި އެހެން މީހުންނާއި ދެމަފިރިންގެ 5 އަހަރުގެ ދަރިފުޅަށް (މާޝާﷲ) އެއްވެސް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

އާއިލާއިން މަޢުލޫމާތު ދިން ގޮތުގައި، އަންހެން މީހާގެ ހަށިގަނޑުގެ 83 އިންސައްތަ އަދި ފިރިހެން މީހާގެ ހަށިގަނޑުގެ 78 އިންސައްތަ ވަނީ ފިހިފައެވެ.

އަންހެން މީހާ އައިޖީއެމްއެޗެ އިންޓެންސިވް ކެއަރ ޔުނިޓަށ ބަދަލުކޮށްފައިވާއިރު ފިރިހެން މީހާއަށް ފަރުވާ ދެމުން ދަނީ އިމަޖެންސީ ރޫމުގައެވެ. ޖާގައިގެ ދަތިކަމާހުރެ ފިރިހެންމީހާ އީއާރްގައި ފަރުވާދެމުން ދަނީ އައިސީޔޫއަށް ބަދަލުނުކުރެވިގެންނެވެ.