ރާއްޖެ ޓީވީގެ "ކާލާ ބައިސާ" ޕްރޮގްރާމުގައި އޯޓިޒަމް ކުދިންނާ ގުޅުވައި ދެއްކި ވާހަކައަށް އެ ޗެނަލުން މިރޭ މާފަށް އެދިއްޖެއެވެ. ރާއްޖެ ޓީވީން ވަނީ ބަޔާނެއް ނެރެފައި މިވަނީ، މި މައްސަލައާ ގުޅިގެން ގިނަ ބައަކު އަޑުއުފުލައި، އެޗްއާރްސީއެމް، ބްރޯޑްކޮމް ފަދަ ތަންތަނުން މައްސަލައެއް ކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ.
ހޯމަދުވަހުގެރޭ އެ ޗެނަލުން ލައިވްކޮށް ގެނެސްދިން "ކާލާ ބައިސާ" ޕްރޮގްރާމުގައި މެހެމާނުންގެ ގޮތުގައި ބައިވެރިވި ބޭފުޅުން، ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒަށް ނިސްބަތްކޮށް، "މީނާއަކީ މިއީ އަސްލު އޯޓިސްޓިކް ގޮތެއް ހުންނަހެން ހީވަނީ، މި އޮޕަރޭޓްކުރާ އޯޓިސްޓިކް އެކަންޏެއް ނޫން. ޑައުންސިންޑްރޮމް ވެސް ހުންނަހެން ހީވަނީ." މިފަދައިން ވާހަކަދައްކާފައިވާ ކަމަށް ރާއްޖެ ޓީވީގެ ބަޔާނުގައި ބުނެފައިވެއެވެ.
މި ވާހަކަތަކާ ގުޅިގެން އޯޓިޒަމް ކުދިންނަށް ނިކަމެތިކަމެއް އަންނަ ގޮތަށް ދޭހަވާ ކަމަށް ބުނެ ގިނަ ބައެއްގެ ކަންބޮޑުވުން ފާޅުކުރަމުން ދިޔުމާ ގުޅިގެން، މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ވެސް ވަނީ މި މައްސަލައާ ގުޅޭ ބަޔާނެއް ނެރެފައެވެ. ބްރޯޑްކޮމްގެ ބަޔާނުގައި ކޮންޓެންޓްތަކާ މެދު ސަމާލުވުމަށް އިލްތިމާސްކޮށްފައިވެއެވެ.
ރާއްޖެ ޓީވީން ނެރުނު ބަޔާނުގައި ބުނެފައިވަނީ، އެ ޕްރޮގްރާމުގައި ދެއްކުނު ވާހަކަތަކުގެ ސަބަބުން އޯޓިޒަމް ކުދިންނަށް ނިކަމެތިކަމެއް އަންނަ ކަމަށް އެއްވެސް ބަޔަކަށް ގަބޫލުކުރެވޭނަމަ އެކަމަށް މާފަށް އެދޭ ކަމަށެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.