އައްޑޫ ސިޓީގެ ފޭދޫ އާއި މަރަދޫފޭދޫ ކައިރީގައި އޮންނަ ސަވާހިލި ފަޅުރަށުގައި ޓޫރިސްޓު ފެސިލިޓީއެއް ތަރައްގީކޮށް ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކަށް އައްޑޫ ސިޓީ ކައުންސިލުން ފުރުސަތު ހުޅުވާލައިފިއެވެ.
ކައުންސިލުން ހާމަކުރި މައުލޫމާތުގައިވާ ގޮތުން، މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ސަވާހިލި ފަޅުރަށުން 858،462 އަކަފޫޓުގެ ބިމަކާއި ފަޅުން ކަނޑައަޅާފައިވާ ސަރަހައްދެއްގައެވެ. މި ފެސިލިޓީގައި މަދުވެގެން 10 ކޮޓަރި ހުންނަންޖެހޭނެ ކަމަށް ކައުންސިލުން ވަނީ ކަނޑައަޅާފައެވެ.
ތަރައްގީކުރާ ފެސިލިޓީގައި ރެސްޓޯރެންޓެއްގެ އިތުރުން، އިންޑޯ އަދި އައުޓްޑޯ ކުޅިވަރު ވަސީލަތްތަކާއި، މޫދުކުޅިވަރުގެ ޚިދުމަތްތައް ފޯރުކޮށްދޭންޖެހޭނެއެވެ. އަދި މީގެ އިތުރުން ސްޕާ، ވެލްނަސް ސެންޓަރ، އަދި ސުވިމިންގ ޕޫލް ފަދަ ފަތުރުވެރިންނަށް ބޭނުންވާ އަސާސީ ވަސީލަތްތައް ޤާއިމްކުރަންޖެހޭނެ ކަމަށް ވެސް ވަނީ ބަޔާންކޮށްފައެވެ.
މި ފެސިލިޓީގެ ޚިދުމަތްތައް އަމާޒުކުރެވިފައިވަނީ ހަމައެކަނި އެތަނުގައި ތިބޭ ފަތުރުވެރިންނަށް އެކަންޏެއް ނޫނެވެ. އައްޑޫގައި ހުރި އެހެން ރިސޯޓުތަކާއި ގެސްޓުހައުސްތަކުގައި ތިބޭ ފަތުރުވެރިންނަށާއި، ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އެހެނިހެން ފަރާތްތަކަށް ވެސް ޚިދުމަތް ލިބޭނެ ގޮތަށް ތަރައްގީކުރުމަށް ވަނީ ރޭވިފައެވެ. މި ސަރަހައްދު ކުއްޔަށް ދިނުމަށް ހަމަޖެހިފައިވަނީ ގިނަވެގެން 50 އަހަރުގެ މުއްދަތަށެވެ.
މި މަޝްރޫއުގެ ބީލަން ފޮތް ވިއްކުމަށް ހަމަޖެހިފައިވަނީ މާދަމާއިން ފެށިގެން 20 އޭޕްރީލްގެ ނިޔަލަށް، ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު 1:00 އާ ހަމައަށް ކައުންސިލް އިދާރާއިންނާއި އީމެއިލް މެދުވެރިކޮށެވެ








ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.