ހދ. ހަނިމާދޫގައި ބިނާކުރަމުންދާ މިސްކިތުގެ ނުނިމިހުރި މަސައްކަތް ނިންމުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ އިސްލާމިކް މިނިސްޓްރީން ޙަވާލުކޮށްފިއެވެ. މި މަޝްރޫޢުގެ އަގަކީ 9.44 މިލިއަން ރުފިޔާ ކަމަށްވާއިރު، މަސައްކަތް ނިންމުމަށް 360 ދުވަހުގެ މުއްދަތެއް ދީފައިވެއެވެ.

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގައި ބޭއްވުނު ރަސްމިއްޔާތުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ އަޙްމަދު ސަޢުދީ އެވެ. އަދި އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ އެ ވުޒާރާގެ ނައިބު ވަޒީރު އިބްރާހީމް އާސިމް އެވެ.

މި މިސްކިތް ތަރައްޤީކުރެވެމުންދަނީ 7933 އަކަފޫޓުގެ ބިމެއްގައެވެ. މިއީ އެއްފަހަރާ 500 މީހުންނަށް އަޅުކަން ކުރެވޭ ވަރުގެ ޖާގައެއް ލިބިގެންދާނެ މިސްކިތެކެވެ. މި މިސްކިތް ނިމުމުން ހަނިމާދޫގެ 2645 މީހުންގެ އާބާދީއަށާއި، އެއަރޕޯޓާ ގުޅިގެން އެރަށަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.