ފިލިޕީންސްގައި ޕައިލެޓުކަމުގެ ތަމްރީނު ހޯދަމުންދާ ދިވެހި ދަރިވަރަކު މަތިންދާ ބޯޓުގެ ބުރަފަތީގައި ޖެހި ވަރަށް ބޮޑަށް ޒަހަމު ވެއްޖެ އެވެ. މި ހާދިސާ ހިނގާފައިވަނީ އެ ދަރިވަރު ތަމްރީނު ހާސިލުކުރަމުންދާ ފްލައިޓް ޓްރޭނިންގ ފެސިލިޓީގައެވެ.
ވައިގެ ދަތުރުފަތުރާ ގުޅުންހުރި ޚަބަރުތައް ގެނެސްދޭ އޭވިއޭޓާސް މޯލްޑިވްސްގެ ވެބްސައިޓުގައި ބުނެފައިވާ ގޮތުގައި، މި ހާދިސާ ހިނގި ވަގުތު ބޯޓުގެ ބުރަފަތި ހުރީ އެނބުރި އެނބުރިއެވެ. އަދި ދަރިވަރު ޒަހަމުވެފައި ވަނީ އެ ބުރަފަތީގައި ޖެހިގެންނެވެ.
އެނގިފައިވާ ގޮތުގައި ޒަހަމުވެފައިވަނީ ހދ. ހަނިމާދޫގެ ޒުވާނެކެވެ. މި ހާދިސާގައި އެންމެ ބޮޑަށް ޒަހަމުވެފައިވަނީ އޭނާގެ މޫނުމަތިންނެވެ. ހާދިސާ ހިނގާފައިވަނީ ސެސްނާ -125 މަރުކާގެ ބޯޓުގެ އިންޖީނު ނިވާ ނުލައި ބޯޓުން ފޭބި ވަގުތު އަނބުރައިގަނެގެން ގޮސް ބުރަފަތީގައި ޖެހުމުންނެވެ.
ޓްރޭނިންގ މާހައުލުގައި ވައިގެ ދަތުރުފަތުރުގެ ރައްކާތެރިކަމުގެ އިތުރުން ބިންމަތީގެ ރައްކާތެރިކަމަށް ވެސް ސަމާލުކަން ދޭން ޖެހޭނެ ކަމަށް އޭވިއޭޓާސްއިން، ވަނީ ފާހަގަ ކޮށްފައެވެ.
އަދި ޕައިލެޓް ތަމްރީނު ހަދާ ދަރިވަރުންނަށް، ބޯޓުގެ އިންޖީނު ހިންގާފައި ހުންނަ ވަގުތުތަކުގައި ބޯޓުގެ ވަށައިގެން ހަރަކާތްތެރިވުމުގައި ސަމާލުކަން ދޭންވީ ކަންކަން ކިޔައިދެވޭނެ ކަމަށް ވެސް އޭވިއޭޓާސްއިން ވަނީ ބުނެފައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.