އުމުރުން 60 އަހަރުވުމަށްފަހު އެއްގަމު އުޅަނދު ދުއްވުމަށް ވަކި ޚާއްސަ ލައިސަންސެއް ނަގަން ޖެހޭ ގޮތަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ހަމަޖައްސައިފިއެވެ. މި އައު ގަވާއިދުގެ ދަށުން، ދޮށީ އުމުރުގެ ފަރާތްތަކަށް ދޫކުރެވޭ ލައިސަންސްގެ ދަށުން ދުއްވޭނީ 60 ސީސީއިން ދަށުގެ މޮޓޯސައިކަލާއި އޮޓޯ ސައިކަލް އަދި ރަށުޕިކަޕް ފަދަ އުޅަނދުތަކެވެ.
މި އައު ގަވާއިދުގެ ދަށުން ދޫކުރެވޭ ލައިސަންސް ބޭނުން ކުރެވޭނީ ހަމައެކަނި އެ ލައިސަންސް ދޫކުރި އިދާރާ ހުންނަ ރަށެއްގައެވެ. އަދި މި ލައިސަންސްގެ ދަށުން އުޅަނދު ދުއްވޭނީ ގަޑިއަކު 30 ކިލޯމީޓަރަށްވުރެ މަޑުން ދުއްވުން ހުއްދަކުރާ މަގުތަކުގައި އެކަންޏެވެ.
ދޮށީ އުމުރުގެ ފަރާތްތަކަށް ދޫކުރެވޭ މި ލައިސަންސްގެ މުއްދަތަކީ 10 އަހަރު ދުވަހެވެ. މުއްދަތު ހަމަވުމުން ލައިސަންސް އައުކުރުމުގެ ބަދަލުގައި، ޚާއްސަ ތަމްރީން ޕްރޮގްރާމެއް އަލުން ފުރިހަމަކުރުމަށްފަހު އައު ލައިސަންސަކަށް އެދެންޖެހޭނެއެވެ. މި ލައިސަންސް ހޯދުމަށް ކައުންސިލްތަކުން މަދުވެގެން 4 ގަޑިއިރުގެ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކުރަން ޖެހެއެވެ.
ޓްރެފިކް ގަވާއިދާ އެއް ފަހަރަށްވުރެ ގިނަ ފަހަރު ޚިލާފުވެއްޖެނަމަ، އެ ފަރާތެއްގެ ލައިސަންސް ބާޠިލުކުރުމުގެ އިޚްތިޔާރު ދަތުރުފަތުރާ ބެހޭ ވުޒާރާއަށް ނުވަތަ ލައިސަންސް ދޫކުރި އިދާރާއަށް ލިބިގެންވެއެވެ. މި ލައިސަންސް ހޯދުމަށާއި ތަމްރީނު ޕްރޮގްރާމް ފުރިހަމަކުރުމަށް 250 ރުފިޔާގެ ފީއެއް ދައްކަންޖެހެއެވެ.
ފާހަގަކޮށްލެވޭ ކަމަކީ، 2021 ވަނަ އަހަރު ހަދާފައިވާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމުގެ ގަވާއިދުގައި ދޮށީ އުމުރުގެ މީހުންނަށް ވަކި ލައިސަންސެއް ނަގަންޖެހޭ ގޮތަކަށް ނެތްކަމެވެ. އޭރުގެ ގަވާއިދުގައި އޮތީ ހަމައެކަނި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ލައިސަންސް ދޫކުރުމުގެ އުސޫލެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.