ޝަރުއީ ނިޒާމު ފުނޑު ފުނޑު ކޮށްލުމުގައި ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ބައިވެރިވެ ވަޑައިގަންނަވާ ކަމަށް މާލެ ސިޓީ ކައުންސިލްގެ ހުޅުމާލެ ދާއިރާގެ މެމްބަރު އިބްރާހިމް ސުޖާއު ތުހުމަތު ކުރައްވައިފިއެވެ. ސުޖާއު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރައީސް ޔާމީނަށް ކުރައްވާފައިވަނީ ސިޔާސީ ހަރާމް ހުކުމެއް ކަމަށާއި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެންމެ ޖެހިލުންވާ ލީޑަރަކީ ރައީސް ޔާމީން ކަމަށްވާތީ، ވާދަކޮށްލަން ނުކެރިގެން ކުރި ހުކުމެއް ކަން ޕީޖީ ޝަމީމަށް ރަގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ. އަދި ޝަރުޢީ ނިޒާމު ފުނޑުފުނޑު ކޮށްލުމުގައި އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވަނީ ހުތުރުކޮށް ކަމަށްވެސް ސުޖާއުގެ ޓުވީޓުގައި ބުނެފައިވެއެވެ.

"ރައީސް ޔާމީނަށް ހަރާމް ހުކުމް އިއްވި ފަނޑިޔާރުންގެ ތެރޭ ހިމެނޭ 3 ފަނޑިޔާރުންގެ އަޑުކަމަށް ބުނާ އޯޑިއޯތަކުގެ ތަހުގީގު ދާގޮތް ވާނުވާ ނޭގިގެން އަހަރެމެން މިއުޅެނީ. މަނިކުފާނު ވިދާޅުވީމެއް ނޫންތޯ މިކަން ގާތުން ބަލައިދޭނެ ކަމަށް." ސުޖާއުގެ ޓުވީޓުގައި އިތުރަށް ވިދާޅުވެފައިވެއެވެ.

ސުޖާއު މިހެން ވިދާޅުވެފައިވާއިރު، ރައީސް ޔާމީނަށް ހުކުމް ކުރެއްވި ގާޒީންގެ އޯޑިއޯ ކަމަށް ބުނާ އޯޑިއޯ ކްލިޕްތަކެއް ލީކުވެ އެމައްސަލަ ފެންމަތިވުމުން ޕީޖީ ޝަމީމް މީގެ ކުރިން ވިދާޅުވެފައިވަނީ އެމައްސަލަ ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ. އޯޑިއޯތައް ލީކުވުމުން އިދިކޮޅުންގެންދަނީ ރައީސް ޔާމީނަށް ކޮށްފައިވާ ހުކުމަކީ ހަރާމް ހުކުމެއް ކަމަށްބުނެ އެހުކުމް ބާތިލްކޮށް ރައީސް ޔާމީން މިނިވަންކޮށްދެއްވުމަށް ގޮވާލަމުންނެވެ.