ޕެންޝަން އޮފީހުގެ ސީއީއޯ ޖޯން ގްރިންޑަލް މަޤާމުން ވަކިކޮށްފައިވަނީ ޖިންސީ ގޯނާގެ މައްސަލައެއްގައި ކަމަށް ބުނެ ފަތުރަމުންދާ ވާހަކަ ޕެންޝަން އޮފީހުން ދޮގުކޮށްފިއެވެ.
ޕެންޝަން އޮފީހުން ވިދާޅުވީ ޖޯން ވަޒީފާއިން ވަކިކޮށްފައިވަނީ ޖިންސީ ގޯނާގެ ތުހުމަތުގައި ނޫންކަމަށާއި އޭނާ މަޤާމުން ވަކިކޮށްފައިވަނީ ސުލޫކީ މިންގަނޑުތަކާއި ޚިލާފްވެގެން ކަމަށެވެ. އަދި އޭނައާ ގުޅޭގޮތުން ޖިންސީ ފުރައްސާރައިގެ މައްސަލައެއް ހުށަހެޅިފައިނުވާ ކަމަށް ޕެންޝަން އޮފީހުން ވަނީ ހާމަކޮށްފައެވެ.
ސުލޫކީ މިންގަނޑުތަކާއި ޚިލާފްވުމުން ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ޕެންޝަން އޮފީހުގެ ބޯޑަށް ލިބިގެންވާ ބާރުގެ ދަށުން ޖޯން ވަނީ މަޤާމުން ވަކިކޮށްފައެވެ.
ޕެންޝަން އޮފީހުގެ ސީއީއޯ ކަމަށް ޖޯން އައްޔަންކޮށްފައިވަނީ 2020 ވަނަ އަހަރު ޑިސެމްބަރ މަހު 25 ވަނަ ދުވަހުގައެވެ. ޖޯން ގްރިންޑަލް އަކީ ޕެންޝަނާއި އިންޝިއުރަންސް ދާއިރާގައި 25 އަހަރު މަސައްކަތްކޮށްފައިވާ ޑިފައިންޑް ކޮންޓްރިބިއުޝަން އަދި ޑިފައިންޑް ބެނެފިޓް ފަންޑިންއާއި ޕެންޝަނާ ގުޅޭ އިންވެސްޓްމަންޓް ރިސްކް މޮޑެލިންގެ ދާއިރާގައި ތަޖުރިބާކާރު ބޭފުޅެކެވެ.
އެއޮފީހުގެ ސީއީއޯ ވަކިކުރުމުގެ ކުރިން ދެބޯޑް މެމްބަރަކު ވަނީ މަޤާމުން އިސްތިއުފާ ދީފައެވެ. މިދެމެމްބަރުން އިސްތިއުފާ ދިން ސަބަބެއް ހާމަކޮށްފައިނުވެއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.