ލަސްތީނަށް ދެމުންދާ ލާއިންސާނީ ހަމަލާތައް ހުއްޓާލަންދެން އިޒްރޭލްގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާ ކުރާ ގޮތަށް ކޮމިޓީން ނިންމި ބިލު މަޖިލީހުން މިއަދު ފާސްކޮށްފި އެވެ. މި ބިލު ފާސްކޮށްފައިވަނީ މަޖިލީހުގެ 83 މެންބަރުންގެ އިއްތިފާގުންނެވެ.
މި ބިލަކީ ފަލަސްތީނުގެ ދަރިފަސްކޮޅު ނައްތާލުމަށް އިޒްރޭލުން ހިންގަމުންދާ ގަތުލުއާންމަށް ދެކޮޅު ހެދުމުގެ ގޮތުން، އެމްޑީޕީގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް، މީގެ އަހަރެއްހާ ދުވަސް ކުރިން ހުށަހެޅުއްވި ބިލެކެވެ. ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން އިއްޔެ މި ބިލަށް ބަދަލުތަކެއް ގެނެސް ފާސްކުރުމަށްފަހު، މިއަދު މަޖިލީހުގެ ތަޅުމަށް ހުށަހެޅުމުން ވަނީ ފާސްކޮށްފައެވެ.
މީކާއިލް އަސްލު ބިލު ހުށަހެޅުއްވިއިރު އޮތީ އިޒްރޭލް މީހުންނާއި އެ ގައުމުގެ ރައްޔިތުންގެ ތެރެއިން ޑުއަލް ސިޓިޒަންޝިޕް އޮންނަ މީހުންނަށް ވެސް ރާއްޖެ އެތެރެވުން މަނާ ކުރާ ގޮތަށެވެ. ނަމަވެސް ކޮމިޓީ މަރުހަލާގައި އިމިގްރޭޝަނުން ފާހަގަކުރި ގޮތުގައި ޑުއަލް ސިޓިޒަންޝިޕް އޮންނަ މީހުން ދެނެގަނެވޭނެ ނިޒާމެއް އެ އިދާރާގައި ނެތުމާއެކު، ހަމައެކަނި އިޒްރޭލް ޕާސްޕޯޓުގައި އަންނަ މީހުން މަނާ ކުރުމަށް އެދުނެވެ.
އިމިގްރޭޝަންގެ ލަފައާ އެއްގޮތަށް، އިއްޔެ ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ވަނީ ޑުއަލް ސިޓިޒަންޝިޕް އޮންނަ މީހުންނަށް ރާއްޖެ އެތެރެވުން މަނާ ނުކޮށް، ހަމައެކަނި އިޒްރޭލް ޕާސްޕޯޓުގައި އަންނަ މީހުން މަނާ ކުރާ ގޮތަށް އިއްތިފާގުން ފާސްކޮށްފައެވެ.
މިއަދުގެ މަޖިލިސް ޖަލްސާގައި މި ބިލު ކޮމިޓީން ނިންމި ގޮތަށް އިތުރު އެއްވެސް ބަދަލެއް ނުގެނެސް ފާސްކުރިއިރު، އެއްވެސް މެންބަރަކު ބިލާ ދެކޮޅަށް ވޯޓު ދެއްވާފައެއް ނުވެއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.