ބައިނަލްއަޤްވާމީ މަދަނީ ވައިގެ ދަތުރުފަތުރާބެހޭ ޖަމްޢިއްޔާ (އައިކާއޯ) އިން އިންތިޒާމްކޮށްގެން 2025 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ފެސިލިޓޭޝަން ކޮންފަރެންސްގެ މިނިސްޓީރިއަލް ސެގްމެންޓުގައި ބައިވެރިވެވަޑައިގަތުމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވަޒީރު މުޙައްމަދު އަމީން މިއަދު ވަނީ ޤަތަރަށް ފުރާވަޑައިގެންފައެވެ.

ޤަތަރުގެ ވެރިރަށް ދޯހާގައި މި މަހުގެ 14 އިން 17 އަށް ބޭއްވުމަށް ހަމަޖެހިފައިވާ މި ކޮންފަރެންސްގެ މިނިސްޓީރިއަލް ސެގްމެންޓް އޮންނާނީ އޭޕްރީލް 17 ވަނަ ދުވަހުއެވެ. މި ކޮންފަރެންސްގެ މައިގަނޑު މަޤްޞަދަކީ ވައިގެ ދަތުރުފަތުރުގެ ޚިދުމަތް އެންމެ ރަނގަޅު ފެންވަރެއްގައި އެއްހަމައަކުން ފޯރުކޮށްދިނުމަށްޓަކައި އެޅިދާނެ ފިޔަވަޅުތަކާ ބެހޭގޮތުން މަޝްވަރާކުރުމާއި، ދެމެހެއްޓެނިވި ސިޔާސަތުތަކެއް ކަނޑައެޅުމަށް މަގުފަހިކުރާނެ ނިންމުންތަކަކަށް ވާސިލްވުން ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.

މި ކޮންފަރެންސްގައި "ދޯހާ ޑެކްލަރޭޝަން އޮން ފެސިލިޓޭޝަން އޮފް އިންޓަރނޭޝަނަލް އެއަރ ޓްރާންސްޕޯޓް 2025" ގެ ނަމުގައި ޚާއްސަ ޤަރާރެއް ފާސްކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ޤަރާރަކީ ބައިނަލްއަޤްވާމީ ވައިގެ ދަތުރުފަތުރުގެ ސިނާޢަތު އިތުރަށް ތަރައްޤީކޮށް ހަރުދަނާކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކުގެ މައްޗަށް އެކުލަވާލެވޭ ޤަރާރެކެވެ.

މިނިސްޓީރިއަލް ސެގްމެންޓުގައި އައިކާއޯގެ މެންބަރު ޤައުމުތަކުގެ ވައިގެ ދަތުރުފަތުރާބެހޭ ވަޒީރުންގެ މެދުގައި ދުނިޔޭގެ ވައިގެ ދަތުރުފަތުރުގެ ދާއިރާ އިތުރަށް ހަރުދަނާކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވޭނެއެވެ. އަދި މި ސެގްމެންޓުގައި ވަޒީރު އަމީން ތަޤްރީރު ކުރައްވާނެ ކަމަށްވެސް ވުޒާރާއިން މަޢުލޫމާތު ދެއެވެ.

ވުޒާރާއިން އިތުރަށް ފާހަގަކުރި ގޮތުގައި މި ޤަރާރުގައި، ޒަމާނީ ޓެކްނޮލޮޖީގެ ބޭނުންހިފައިގެން ވައިގެ ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ކަށަވަރުކުރުމާއި، ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމުގެ އިތުރުން ދަތުރުވެރިންގެ ޙައްޤުތައް ޙިމާޔަތްކުރުމަށްޓަކައި ހަރުދަނާ ސިޔާސަތުތަކެއް ކަނޑައެޅޭނެއެވެ.