ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި "ހަސަން ކުރުސީ" ގެ ނަމުގައި އެކައުންޓެއް ހިންގަނީ މިވަގުތު ޔޫރަޕްގައި ދިރިއުޅެމުންދާ ކުރީގެ މަތީ ފަންތީގެ ސިޔާސީ ބޭފުޅެއް ކަމަށް ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ރަޝިޔާގެ ސަފީރު ލިވަން އެސް ޖަގަރްޔަން ވިދާޅުވެއްޖެއެވެ.
ރަޝިޔާގެ ސަފީރު މިކަން ހާމަކުރެއްވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އޭގައި ވިދާޅުވެފައިވަނީ ރަޝިޔާއާ ގުޅޭގޮތުން ކުރުސީ އެކައުންޓުން ކުރަމުންދާ ޕޯސްޓްތަކުގެ ފަހަތުގައި ހުރި ފަރާތް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށެވެ.
ސަފީރުގެ މި ބަސްފުޅުތައް އައިސްފައިވަނީ ކުރުސީގެ އެކައުންޓުން ރަޝިޔާއާ ބެހޭގޮތުން ކުރި ޕޯސްޓަކާ ގުޅިގެންނެވެ. އެ ޕޯސްޓްގައި ބުނެފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް މެދުވެރިކޮށް ރަޝިޔާއަށް ކޮމްޕިއުޓަރު ޗިޕް އެތެރެކޮށްފައިވާ ކަމަށެވެ.
ނަމަވެސް ރަޝިޔާއިން ވަނީ ކުރުސީގެ މި ވާހަކަތައް ދޮގުކޮށް، މިއީ އެމެރިކާއާއި ދިވެހިރާއްޖެއާ ދެމެދު އޮތް ގުޅުމަށް ހުރަސްއެޅުމަށް ކުރާ މަސައްކަތެއްގެ ގޮތުގައި ސިފަކޮށްފައެވެ.
އެކްސްގައި ކުރުސީގެ ނަމުގައި ހިންގާ އެކައުންޓުން ވަނީ މީގެ ކުރިންވެސް ރާއްޖޭގެ ސިޔާސީ މަޝްރަހާ ގުޅޭ އެކި ވާހަކަތައް ޝާއިޢުކޮށްފައެވެ. ނަމަވެސް މިއަދާ ހަމައަށްވެސް އެ އެކައުންޓް ހިންގަނީ ކާކުކަން ވަނީ ހާމަވެފައެއް ނުވެއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.