ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދަރިކަލުން ޢުމައިރު މުޙައްމަދު މުޢިއްޒުގެ އިސްތަށިފުޅުގައި ދޮގު ބަދުނާމުތަކެއް އަޅުވައި، ކަރާމާތަށް އުނިކަން ލިބޭ ގޮތަށް އެމްޑީޕީގެ އެކްޓިވިސްޓަކު ދެއްކި ވާހަކަތަކާ ގުޅިގެން، ސިވިލް ކޯޓާއި ފެމިލީ ކޯޓަށް މައްސަލަތަކެއް ރައީސްގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ހުށަހަޅުއްވައިފިއެވެ.
މެޑަމް ސާޖިދާގެ ޤާނޫނީ ވަކީލުން "ރެހެންދި ޗެމްބާސް" އިން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި، ފާއިތުވި ރަމަޟާން މަހު މާލޭގެ މަގުތަކުގައި އެމްޑީޕީން ކުރިއަށްގެންދިޔަ އިހުތިޖާޖުތަކުގެ ތެރޭގައި، އެ ޕާޓީގެ އެކްޓިވިސްޓު މަރިޔަމް ޒުބައިރު ދެއްކި ވާހަކަތަކުގެ ސަބަބުން ޢުމައިރުގެ ނަފްސަށާއި ފުރާނައަށް ނުރައްކާވާނެ ހާލަތެއް މެދުވެރިވެ، އޭނާގެ ކިޔެވުމާއި މުސްތަޤުބަލަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެފައިވެއެވެ.
ސިވިލް ކޯޓަށް ހުށަހަޅާފައިވަނީ ޤާނޫނުއަސާސީން ކަށަވަރުކޮށްދޭ ނަމާއި އަބުރު ރައްކާތެރިކުރުމުގެ ޙައްޤު ނިގުޅައިގަތުމާ ގުޅޭ ދެ މައްސަލައެވެ. މީގެ ތެރޭގައި މަރިޔަމް ޒުބައިރުގެ މައްޗަށް އެއް މައްސަލައާއި، އެމްޑީޕީ އަދި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާޢީލްގެ މައްޗަށް އަނެއް މައްސަލަ ހިމެނެއެވެ.
މީގެއިތުރުން، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނާއި، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށްދިނުމާ ބެހޭ ބައިނަލްއަޤްވާމީ މުޢާހަދާތަކުން ލިބިދޭ ޙައްޤުތައް ނިގުޅައިގަތުމާ ގުޅިގެން ފެމިލީ ކޯޓުގައިވެސް ދެ މައްސަލައެއް ހުށަހަޅާފައިވެއެވެ.
"މި މައްސަލަތައް ހުށަހެޅިފައިވަނީ، ސިޔާސީ ދެކޮޅުވެރިކަމާއި ވާދަވެރިކަމުގެ ތެރެއިންވިޔަސް، ކުޑަކުދިންގެ ކަރާމާތާއި ރައްކާތެރިކަން ނިގުޅައި ނުގަނެވޭނެކަން ކަށަވަރުކުރުމަށް," ރެހެންދި ޗެމްބާސްގެ ބަޔާނުގައި ބުނެފައިވެއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.