ދިވެހި ސިފައިންގެ ޤާބިލްކަން އިތުރުކޮށް، ވަރުގަދަކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތާމެދު ޤައުމީ ލޯބި ހުންނަ ކޮންމެ މީހަކުވެސް ފަޚުރުވެރިވާންޖެހޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ދިވެހި ސިފައިންގެ 133 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެމަނިކުފާނުގެ ތަސައްވުރަކީ އަސްކަރީ ގޮތުންނާއި އިޤްތިސާދީ ގޮތުން ބާރުވެރި ޤައުމަކަށް ދިވެހިރާއްޖެ ހެއްދެވުން ކަމަށެވެ. އަދި އެމަނިކުފާނު ވެރިކަމާ ހަވާލުވެ ވަޑައިގެންނެވިއިރު، އަސްކަރީ ގޮތުން ރާއްޖެ އޮތީ ނިކަމެތި ހާލެއްގައި ކަމަށާއި، ކޯސްޓްގާޑުގެ އުޅަނދުތަކާއި ފަޔަރ އެންޑް ރެސްކިއުގެ ހާލަތު އޮތީ ކަންބޮޑުވާންޖެހޭ ދަރަޖައެއްގައި ކަމަށް ފާހަގަކުރެއްވިއެވެ.
"ޤައުމީ ގޮތުން ޤައުމީ ދިފާޢީ ބާރު ވަރުގަދަ ކުރުމަށް ކުރެވޭ މަސައްކަތަކީ ޤައުމުގެ ހިމާޔަތްތެރިކަމާއި ރައްކާތެރިކަމާއި މިނިވަންކަމަށްޓަކައި، އެ މިނިވަންކަން އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށްޓަކައި ކުރަންޖެހޭ ކަމެއް،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، އެމަނިކުފާނުގެ ތަސައްވުރަކީ ދިވެހި އަސްކަރިއްޔާގެ ކަނޑުގެ ބާރު ދެގުނަ ކުރެއްވުން ކަމަށާއި، އެ މަސައްކަތް މިހާރުވެސް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށެވެ. އެއްގަމާއި ކަނޑުގެ ބާރު ވަރުގަދަކުރުމަށް މިހާތަނަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަންވެސް ފާހަގަކުރެއްވިއެވެ.
ޖަލްސާގައި ވާހަކަފުޅު ނިންމަވާލައްވަމުން ރައީސް ވިދާޅުވީ، ސިފައިންގެ ޤައުމީ ޚިދުމަތަށް އެމަނިކުފާނު އަބަދުވެސް ފަޚުރުވެރިވެވަޑައިގަންނަވާ ކަމަށާއި، ރައްޔިތުންނަށް ދަތިވެއްޖެ ކޮންމެ ކަމެއްގައި ސިފައިން އިސްނަންގަވައިގެން ކުރައްވާ މަސައްކަތްތައް ފާހަގަކުރައްވާ ކަމަށެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.