ސަރުކާރުން އެންމެ އިސްކަންދީގެން ކުރިއަށްގެންދާ އުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ހިއްސާކޮށް މަޝްވަރާކުރުމަށް މިއަދު ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމެއް ބާއްވައިފިއެވެ.

މި ބައްދަލުވުމުގައި ވަޒީރުންގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކާ ހަވާލުކޮށްފައިވާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ހިއްސާކޮށް މަޝްވަރާކުރެވުނެވެ. މިގޮތުން އެސްޓީއޯ، ވެމްކޯ، ފެނަކަ ކޯޕަރޭޝަން، އާރުޑީސީ، އެމްޓީސީސީ އަދި އެމްޑަބްލިޔުއެސްސީ އިން އެ ކުންފުނިތަކުން ހިންގާ މަޝްރޫޢުތަކުގެ މަޢުލޫމާތު ހިއްސާކުރިއެވެ.

ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މަޝްރޫޢުތައް ނިންމަން ކަނޑައަޅާފައިވާ ތާރީޚްތަކަށް މަސައްކަތްތައް ނިންމުމަށް ބާރުއަޅުއްވައި، އެކަންކަން ފުރިހަމަކުރުމަށް ބޭނުންވާ ކަންކަން އޮޅުންފިލުއްވާފައެވެ.

އަދި ވަޒީރުންނާއި ކުންފުނިތަކުގެ އެމްޑީން ފާހަގަކުރި ކަންކަމަށް މަގުފަހިކުރުމަށް އެޅޭނެ ފިޔަވަޅުތަކާމެދު މަޝްވަރާކުރެވުނެވެ. މީގެއިތުރުން މަޝްރޫޢުތަކުގެ މަސައްކަތްތައް އޮމާންކަމާއެކު ކުރިއަށްގެންދިއުމަށްވެސް މަޝްވަރާކުރެވުނެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ސަރުކާރުން ހިންގާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ވީހާވެސް ގިނައިން ރައްޔިތުންނަށް ފޯރުކޮށްދީ، ދެފުށްފެންނަ ގޮތެއްގައި މަސައްކަތްތައް ބާރަށް ކުރިއަށްގެންދިއުމަށްވެސް ބާރުއަޅުއްވާފައެވެ.