ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މެލޭޝިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު ޕެޓްރޯނާސް ޓްވިން ޓަވަރަށް ޒިޔާރަތްކުރައްވައިފިއެވެ. މި ޒިޔާރަތުގައި ރައީސް މުޢިއްޒަށް މަރުޙަބާ ދެންނެވީ ޕެޓްރޮނާސްގެ ނައިބު ރައީސެވެ.

މި ޒިޔާރަތުގައި ރައީސް މުޢިއްޒު ވަނީ އެ ޓަވަރުގެ މުހިންމު ތަންތަން ބައްލަވާލައްވާފައެވެ. އަދި ޕެޓްރޮނާސްގެ ފަރާތުން ވަނީ އެތަނުގެ އިންޖިނިއަރިންގ އަދި ފަންނުވެރިކަމާބެހޭ ގިނަ މަޢުލޫމާތުތަކެއް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ.

މެލޭޝިއާގެ ފަޚުރުވެރި ރަމްޒު
ޕެޓްރޯނަސް ޓްވިން ޓަވަރަކީ މެލޭޝިއާގެ ވެރިރަށް ކުއަލަ ލަމްޕޫރުގައި ހުންނަ، 452 މީޓަރުގެ އުސްމިނުގައި ޢިމާރާތްކުރެވިފައިވާ، ދުނިޔޭގެ އެންމެ އުސް އިމާރާތްތަކުގެ ތެރޭގައި ހިމެނޭ އިމާރާތެކެވެ. މި އިމާރާތަކީ 2004 ވަނަ އަހަރާ ހަމައަށް ދުނިޔޭގެ އެންމެ އުސް އިމާރާތުގެ ރެކޯޑު ހިފަހައްޓާފައިވާ ތަނެވެ.

1992 ވަނަ އަހަރުގެ ޖެނުއަރީ މަހު ޕްލޭނިންގ މަސައްކަތް ފެށި މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުނީ 1993 ވަނަ އަހަރުގެ މާރިޗު މަހުއެވެ. އަދި މި މަޝްރޫޢު ނިމި ރަސްމީކޮށް ހުޅުވުނީ 1999 ވަނަ އަހަރުގެ އޮގަސްޓް މަހުގައެވެ.

އިސްލާމީ ފަރުމާކުރުމުގެ ވައްޓަފާޅިއާއި މެލޭޝިއާގެ ސަގާފަތް ރަމްޒުކޮށްދޭ މި އިމާރާތަކީ، އެއް ފަރުމާއަކަށް ހުންނަ ދެ ޓަވަރު ސްކައި ބްރިޖަކުން ގުޅުވާލެވިފައިވާ އިމާރާތެކެވެ. މިއީ މެލޭޝިއާއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ މެދުގައިވެސް އެންމެ މަޤުބޫލު އެއް މަންޒިލެވެ.