ހ. މިޓާޒް ގޭގެ ފުރާޅުން ވެއްޓުނު 21 އަހަރުގެ ހައްވާ ޔުމްނާ ރަޝީދުގެ މައްސަލައިގެ ތަހުގީގު ކުރިއަށްދާ ގޮތުގެ މަޢުލޫމާތު ރައްޔިތުންނާ ހިއްސާކުރުމަށް ޚާއްޞަ ޕޯޓަލެއް ހުޅުވުމުގެ މަޝްވަރާތައް ފަށާފައިވާ ކަމަށް ރިޔާސީ ކޮމިޝަނުން މިއަދު ހާމަކޮށްފިއެވެ.
މި މައްސަލަ ތަހުގީގުކުރުމަށް އެކުލަވާލި ޚާއްޞަ ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން، ކޮމިޝަނުގެ ރައީސް ޑރ. މުހައްމަދު މުނައްވަރު ވިދާޅުވީ، "މިއީ ހައްސާސް މައްސަލައަކަށްވެފައި، ގިނަ ރައްޔިތުންގެ ކަންބޮޑުވުން ހިމެނޭ މައްސަލައަކަށްވާތީ" މައްސަލައާ ގުޅޭ މަޢުލޫމާތު ހިއްސާކުރުމަށް ޕޯޓަލެއް ހުޅުވުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.
މި ޕޯޓަލް މެދުވެރިކޮށް ރައްޔިތުންނަށް ކޮމިޝަނާ ސުވާލުކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށާއި، ކުރެވޭ ސުވާލުތަކަށް ޖަވާބުދާރީވުމުގެ އިތުރުން، ކޮމިޝަނުން ދުވަހުން ދުވަހަށް ކުރާ މަސައްކަތްތަކުގެ މަޢުލޫމާތުވެސް ޕޯޓަލް މެދުވެރިކޮށް ފެންނަން ހުންނާނެ ކަމަށް ޑރ. މުނައްވަރު ވިދާޅުވިއެވެ.
ނަމަވެސް، މިއީ ޖިނާއީ ކުށެއް ހިމެނޭ މައްސަލައަކަށްވާތީ، ބައެއް މަޢުލޫމާތުތައް ހާމަކުރެވޭނީ ތަހުގީގު ފުރިހަމަވުމަށްފަހު ކަމަށް ޑރ. މުނައްވަރު ވަނީ ފާހަގަކުރައްވާފައެވެ. މި މައްސަލައިގައި ޔުމްނާ ވެއްޓިގެން މަރުވެފައިވަނީ މިމަހުގެ 18 ވަނަ ދުވަހުއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.