ނާއިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފްއާ އެކު އޮތް ގުޅުން ވަރަށް ރަނގަޅު ކަމަށާއި، އެމަނިކުފާނަށް އިތުބާރު އޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ނާއިބު ރައީސްއާ ގުޅުމެއް ނެތް ކަމަށް ދެކެވޭ ވާހަކަތަކާ ގުޅޭގޮތުން ކުރެވުނު ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް މުޢިއްޒު ވިދާޅުވީ އެއީ ޙަޤީޤަތާ ޚިލާފު ވާހަކަތަކެއް ކަމަށެވެ.

"ރަނިންމޭޓަކަށް ވުމަށް ޙުސައިން މުޙައްމަދު ލަޠީފަށް ދަޢުވަތު ދިން ދުވަހު އޮތް އިތުބާރު މިހާރުވެސް އެބައޮތް. އަދި އެ އިތުބާރު ކުރިއަށް އޮތްތާވެސް އެގޮތުގައި ދެމި އޮންނާނެ،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ރައީސް އިތުރަށް ހާމަކުރެއްވި ގޮތުގައި، ރަނިންމޭޓުކަން ޙުސައިން މުޙައްމަދު ލަޠީފަށް ހުށަހެޅުއްވީ ސީދާ އެމަނިކުފާނު ކަމަށާއި، އެކަން ޤަބޫލުކުރެއްވުމަށްފަހު ކުރީގެ ރައީސް ޔާމީންގެ "އެޕްރޫވަލް" ހޯއްދެވި ކަމަށެވެ.

މީގެއިތުރުން ރައީސް ފާހަގަކުރެއްވި ގޮތުގައި، ސަރުކާރުގެ ތެރެއިން ނާއިބު ރައީސް އެއްވެސް ވަރަކަށް އެކަހެރި ނުކުރައްވާ ކަމަށާއި، އެމަނިކުފާނުގެ ބަދަލުގައި ވަރަށް ގިނަ ބޭރުގެ ދަތުރުތަކުގައި ނާއިބު ރައީސް ބައިވެރިވެވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.