ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މަތީ މަޖިލީހުގެ ބައްދަލުވުންތަކުގައި ވޯޓުލުމުގެ ކަންކަން ކުރިއަށް ގެންދާނީ އެ ޕާޓީގެ އަސާސީ ގަވާއިދާ އެއްގޮތަށް ކަމަށް އެ ޕާޓީން މިއަދު ހާމަކޮށްފިއެވެ. ޕީއެންސީން މިކަން ހާމަކުރީ މަތީ މަޖިލީހުގެ ވޯޓުލުމާ ގުޅޭގޮތުން ބައެއް މީޑިއާތަކުން ފަތުރަމުންދާ ޚަބަރުތަކަކަށް ރައްދު ދިނުމުގެ ގޮތުން ނެރުނު ބަޔާނެއްގައެވެ.

އެ ބަޔާނުގައި ބުނެފައިވަނީ ޕާޓީގެ އެކި ގުނަވަންތަކުގެ މަސައްކަތްތައް ތަރުތީބުކުރާނެ ގޮތާއި، ނިންމުންތައް ނިންމާނެ އުސޫލުތައް އިލެކްޝަންސް ކޮމިޝަނުގައި ރަޖިސްޓްރީކޮށްފައިވާ އަސާސީ ގަވާއިދުގައި ވަރަށް ސަރީހަކޮށް ބަޔާންކޮށްފައިވާ ކަމަށެވެ. އަދި މި ގަވާއިދަކީ ޕާޓީގެ ވެބްސައިޓު މެދުވެރިކޮށް އާންމުންނަށާއި ނޫސްވެރިންނަށް ފެންނަން އޮންނާނެ ލިޔުމެއްކަންވެސް ޕީއެންސީން ފާހަގަކުރެއެވެ.

ޕާޓީގެ އަސާސީ ގަވާއިދުގެ 7 ވަނަ ބާބުގައި މަތީ މަޖިލީހުގެ ވޯޓުލުން ކުރިއަށް ގެންދަންޖެހޭ ގޮތް ތަފްސީލުކޮށްފައިވެއެވެ. އެގޮތުން ގަވާއިދުގެ 69 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ މަތީ މަޖިލީހުގައި ކަންކަން ފާސްކުރާނީ އަތް އުފުލައިގެން ކަމަށެވެ. އަދި އެ މާއްދާގެ (ށ) ގައިވާ ގޮތުން ޕާޓީގެ މެންބަރުންގެ މަޖިލީހަށް މެންބަރުން އިންތިޚާބުކުރުމަށް ނަގާނީ ހާމަ ވޯޓެއް ކަމަށް ޕީއެންސީން ބުނެއެވެ.

މީޑިއާތަކުގައި ފެތުރެމުންދާ ވާހަކަތަކަށް އިޝާރާތްކޮށް ޕީއެންސީން ބުނީ، މަތީ މަޖިލީހުގައި އަތް އުފުލައިގެން ވޯޓުލުމަށް ވަކި ކޮމިޓީއަކުން ނިންމި ކަމަށް ބުނާ ވާހަކައަކީ ކަނޑައެޅިގެން ދޮގު ވާހަކައެއް ކަމަށެވެ. އެއީ ޕާޓީ އުފެދުނީއްސުރެ އަސާސީ ގަވާއިދުގައި އޮތް ކަމެއް ކަމަށާއި، ޕާޓީގެ ނައިބު ރައީސުންނާއި އެހެނިހެން މަގާމުތަކަށް މެންބަރުން އިންތިޚާބު ކުރުމުގައި ހާމަ ވޯޓު ނެގުމަކީ ގަވާއިދާ ޚިލާފު ކަމެއް ނޫން ކަމަށްވެސް އެ ޕާޓީން ބުންޏެވެ.

މީގެ އިތުރުން، ޕީއެންސީގެ އެތެރޭގެ ހިންގުމުގެ ހުރިހާ ކަމެއްވެސް ކުރިއަށްދާނީ ޑިމޮކްރެޓިކް އުސޫލުތަކުގެ ތެރެއިން، ދެފުށް ފެންނަ ގޮތަށް ކަމުގެ ޔަގީންކަން އެ ޕާޓީން ވަނީ މެންބަރުންނަށް ދީފައެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ޢަމަލުކުރަމުންދާނީ މިހާތަނަށްވެސް ޢަމަލުކުރަމުން އައި އުސޫލުތަކާ އެއްގޮތަށް ކަމަށް އެ ބަޔާނުގައި ވެއެވެ.