ހެންވޭރު ސަރަހައްދުގައި ހިނގި ނުރައްކާތެރި ހާދިސާއެއްގައި ގޭގެ ފުރާޅުން ވެއްޓި، ބޮޑެތި އަނިޔާތަކެއް ލިބުނު ހައްވާ ޔުމްނު ރަޝީދުގެ ހާލަތު މިވަގުތު ރަނގަޅުވަމުން އަންނަ ކަމަށް އާއިލާއިން ހާމަކޮށްފިއެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު އޮޕަރޭޝަނެއް ކުރުމަށް ރޭވިފައިވާ ކަމަށްވެސް ވަނީ ހާމަކޮށްފައެވެ.

ޔުމްނުގެ ޅިޔަނު މުހައްމަދު މުއުމިން "އެކްސް" މެދުވެރިކޮށް ހިއްސާކުރި މައުލޫމާތުގައި، ޔުމްނު މިހާރު ވަނީ ހޭއަރާފައި ކަމަށާއި، ނަމަވެސް އަދިވެސް އައިސީޔޫގައި ބަލަހައްޓަމުންދާ ކަމަށް ބުނެފައިވެއެވެ. އަދި ޔުމްނު އަދިވެސް ޝޮކް ހާލަތުގައި ހުރިކަން ފާހަގަކޮށްފައިވެއެވެ.

އިތުރަށް ދެއްވި މައުލޫމާތުގައި، ކުރިން ކާންދިނުމަށް ބޭނުންކުރި ހޮޅި މިހާރު ވަނީ ނެގިފައި ކަމަށާއި، މިހާރު ހިމުންކޮށްފައިވާ ކާނާ ކެވޭ ކަމަށް ބުނެފައި ވެއެވެ. އަދި އަންނަ ބުރާސްފަތި ދުވަހު އުނަގަނޑާއި ކަނދުރާގެ އޮޕަރޭޝަނެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް ހާމަކޮށްފައިވެއެވެ.

ނަމަވެސް، ޔުމްނުގެ ހާލަތު ރަނގަޅުވަމުން އަންނަ ސްޕީޑް ވަރަށް ލަސް ކަމަށާއި، ވޭތުވެދިޔަ ދެ ދުވަހުގެ ތެރޭގައި ފުއްޕާމޭގެ އިންފެކްޝަނެއް ޖެހިފައިވާކަން ވެސް ފާހަގަކޮށްފައި ވެއެވެ.

މި ހާދިސާ ހިނގީ މިދިޔަ މަހުގެ 18 ވަނަ ދުވަހު ހ. މިޓާޒްގޭގެ ފުރާޅު މަތިން ވެއްޓިގެންނެވެ. އޭގެފަހުން އައިޖީއެމްއެޗްގެ އައިސީޔޫގައި 10 ދުވަހުގެ ފަރުވާއަށްފަހު، އޭޕްރީލް 26 ވަނަ ދުވަހު ވަނީ އިތުރު ފަރުވާއަށް މެލޭޝިއާއަށް ގެންގޮސްފައެވެ.