މާލޭގެ އަމީނީމަގު މަރާމާތުކުރުމުގެ މަޝްރޫޢުގެ ދަށުން، ފުރަތަމަ ސެގްމަންޓްގެ އަމަލީ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ފަށައިފިއެވެ. މި މަސައްކަތް އެ ކުންފުންޏާ ސަރުކާރުން ހަވާލުކޮށްފައިވަނީ މިދިޔަ ޖޫން މަހުގެ 15 ވަނަ ދުވަހުއެވެ.
އެމްޓީސީސީން ބުނި ގޮތުގައި، މިހާރު ކުރިއަށްދަނީ އަމީނީމަގުގެ ފުރަތަމަ ސެގްމަންޓުގައި ކުރިން އަޅާފައި އޮތް ތާރުގަނޑު ނެގުމުގެ މަސައްކަތެވެ. މި މަސައްކަތް ފެށުމުގެ ކުރިން އެ ސަރަޙައްދުގައި ކުރަންޖެހޭ ސަރވޭތައް އެ ކުންފުނިން ވަނީ ނިންމާފައެވެ. މި މަޝްރޫޢުގެ ދަށުން މަގު މަރާމާތު ކުރުމުގެ އިތުރުން، ބަސް ހުއްޓިތައް ހިމެނޭ ސަރަޙައްދުތަކުގެ ޕޭވްމަންޓް ޑިޒައިނަށް ބަދަލުތަކެއް ގެނައުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
މިދިޔަ ސަރުކާރުން 84.4 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން ތަރައްޤީކުރި އަމީނީމަގުގެ މަސައްކަތް މުޅިން ނިންމާލާފައިވަނީ މިއަހަރުގެ ޖަނަވަރީ މަހުއެވެ. ނަމަވެސް، މަގުގެ އެކި ސަރަޙައްދުތަކުން ތާރުގަނޑު އުފުލި މަގު ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ. ޚާއްސަކޮށް މަގުގެ ހުޅަނގު ފަރާތް ވަރަށް ބޮޑަށް ހަލާކުވެފައިވާއިރު، ފަންނީ ބޭފުޅުން ފާހަގަކުރައްވާ ގޮތުގައި މިއީ ތާރުގަނޑު ރަނގަޅަށް ނުހިކެނީސް ބަރު އުޅަނދުތަކަށް މަގު ހުޅުވާލުމުގެ ސަބަބުން ދިމާވި މައްސަލައެކެވެ.
މަސައްކަތް ކުރިއަށްދާ ވަގުތުތަކުގައި ދިވެހިރާއްޖޭގެ އަޑުގެ ކުރިމަތިން އޮންނަ އިއްޒުއްދީން މަގާ ހިސާބުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލު ކައިރީ އޮންނަ ޕާކާ ހަމައަށް މިހާރު ވަނީ ބަންދުކޮށްފައެވެ. މީގެ ސަބަބުން އާރްޓީއެލް ބަހުގެ ޚިދުމަތްތަކަށް ވެސް ބޮޑެތި ބަދަލުތަކެއް ވަނީ ގެނެސްފައެވެ.
އެމްޓީސީސީން ވިދާޅުވީ، ރޫޓް-10 ގެ ބަސްތައް މިހާރު ފަށާނީ އަދި ނިންމާނީ ވެސް ވެސްޓު ޕާކު ބަސް ސްޓޮޕަށް ކަމަށެވެ. އަދި މަސައްކަތް ނިމެންދެން ސޯޝަލް ސެންޓަރ، އައިޖީއެމްއެޗް އަދި ދަރުމަވަންތަ ބަސް ހުއްޓިއަށް ބަސް މަޑުނުކުރާނެއެވެ. މީގެ އިތުރުން ރޫޓް-11 ގެ ޚިދުމަތް ވަގުތީގޮތުން މެދުކެނޑިފައިވާއިރު، އެހެނިހެން ރޫޓުތަކުގެ ބަސްތައް މާލޭގައި މަޑުކުރާނީ މާފަންނު ބަސް ޓާމިނަލަށެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.