ބޭނުން ކޮންމެ މީހަކަށް ކޮންމެ އެއްޗެއް ބުނެ މުޅިދުނިޔެއަށް ހާމަކުރުމުގެ އިޚްތިޔާރު އޮންނަ ދުނިޔެއެއްގައި، ކޮންމެ ދުވަހަކު، ކޮންމެ ވަގުތަކު، ތިބާއާއި ބެހޭގޮތުން ވާހަކަ ދައްކާ ކޮންމެ މީހަކު ހޯދައި، ދައްކަނީ ކޮން ވާހަކައެއްތޯ ބެލުމަކީ ވާނޭކަމެއް ނޫނެވެ. ތިބާ ނުހުންނަ ތަންތާނގައި ތިބާގެ ވާހަކަ ދައްކާ މީހުން މަދު ނުވުމަކީވެސް އެކަށީގެންވާކަމެކެވެ. ކިތަންމެ ރަނގަޅު މީހެއްގެ ގޮތުގައި ތިބާ އުޅުނު ކަމުގައިވިޔަސް، ތިބާއަކީ ކަންކަމާމެދު ޕޮޒިޓިވްކޮށް ދެކޭ މީހެއްކަމުގައި ވިޔަސް، ތިބާއާއި ބެހޭގޮތުން އެހެންމީހުން ވާހަކަ ނުދައްކާ ގޮތެއް ހެދުމަކީ ނާދިރުކަމެވެ. އަދި މީހުން ދައްކާ މިފަދަ ވާހަކަތަކާއި، ގުޅޭގޮތުން، ފިކުރު ހިންގައި، ވިސްނަން ވެއްޖެ ނަމަ، ތިބާ މޮޔަވުމަކީވެސް އެކަށިގެންވާކަމެކެވެ. މިކަމަށް އޮތް އެންމެ ރަނގަޅު ހައްލަކީ، އެހެން މީހުން ތިބާއަށް ނިސްބަތްކޮށް ދައްކާ ވާހަކަތަކަށް ބީރު ކަންފަތެއްދީ، އެކަންކަމާމެދު ނުވިސްނައި، އެބަސްތަކާމެދު އަޅާނުލުމެވެ. ނަމަވެސް މިއީ ބުނުމަށް ފަސޭހަކަމަކަށް ވީނަމަވެސް، އަމަލުން ކުރުން އެހާ ފަސޭހަކަމެއް ނޫނެވެ. މީހުން ތިބާ ދޭތެރޭ ދައްކާ ވާހަކަތަކާއި، ވިހަ ބަސްތައް ހުއްޓުވާނީ ކިހިނެއް ހެއްޔެވެ؟ އެހެން މީހުން ތިބާއާއި މެދު ދައްކާ ވާހަކަތަކަށް އަޅާނުލާ ހުއްޓާލާނެ ބައެއް ގޮތްތައްމިލިޔުމުގައި ހިމަނާލަމެވެ.
ދިރިއުޅުމުގައި، އެހެންމީހުންގެ ތަޢުރީފާއި ހެޔުބަސް ހޯދަން މަސައްކަތް ނުކުރުން
ދިރިއުޅުމުގައި އެހެން މީހުންގެ ތަޢުރީފައި، ހެޔޮބަސް ހޯދަން މަސައްކަތް ނުކުރުމަކީ. ތިބާއާއި ބެހޭގޮތުން މީހުން ދައްކާ ކޮންމެ ވާހަކައަކަށް ފަރުވާލެއް ނުބެހެއްޓުމަށް ކުރެވިދާނެ ކަމެކެވެ. އެހެން ފަރާތްތަކުން ތިބާއާއި މެދު ގަޔާވޭތޯ ނުވަތަ ނުވޭތޯ ނުބެލުމަކީ އެހެން މީހުން ތިބާއާއި މެދު ދެކޭގޮތާއި މެދު ވިސްނުން ހުއްޓާލުމަށް ކުރެވިދާނެކަމެކެވެ. އެހެން މީހުންގެ ރުހުން ހޯދަން މަސައްކަތް ކުރުމަކީ، ހަޤީޤީ އެޑިކްޝަނެއް ކުރިމަތިކުރުވާ ކަމަކަށް ވެފައި ވެއެވެ. އަދި މިކަން ފޭސްބުކް ފަދަ ސޯޝަލް މީޑިއާ އަމަލީ ސިފަ ގެނެސްފައި ވެއެވެ. ކުރާ ކޮންމެ ޕޯސްޓަކަށް، އެންމެ ގިނަ ލައިކް، ނުވަތަ ހާޓް ލިބޭތޯ އަބަދުވެސް ބަލާލެވޭކަމީ މީގެ ހެއްކެކެވެ. އެހެން މީހުންނާއި ދޭތެރޭ ވިސްނައި، އެންމެންނަށް އަޅާލުން ގެންގުޅުމަކީ ގިނަފަހަރަށް އަމިއްލަޔަށް ހަލާކުގެ ތެރެއަށް ވެއްޓިގެންދާ ކަމެކެވެ. ހުރިހާ އެންމެ އުފާކޮށް ދިނުމަކީ ވާނޭކަމެއް ނޫނެވެ. ދުނިޔޭގައި އުޅެނީ ތަފާތު މިޒާޖުގެ ތަފާތު ގޮތްގޮތަށް ވިސްނާ މީހުންނެވެ. އެކި މީހުންނަށް ކަމުދަނީ އެކި ކަންކަމާއި، އެކި ސިފަތަކެވެ. އެކި މީހުން އިސްކަންދެނީ އެކި ކަންކަމެވެ. މިހުރިހާ ކަމަކާއި ވިސްނުމުގެ މާބޮޑު ބޭނުމެއް ނެތެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.