ބަހަކީ ކޮންމެ ޤައުމެއްގެ ވެސް ސަގާފަތާއި ތަރިކަ، އަދި އެޤައުމެއްގެ އަމިއްލަވަންތަކަން ރަމްޒުކޮށްދޭ އެންމެ މުހިންމު އެއް ވަޞީލަތެވެ. މި ދިވެހިރާއްޖެއަށް ޚާއްސަވެގެންވާ ދިވެހިބަހަކީވެސް، ދިވެހިންގެ ދިގު ތާރީޚާއި، އާދަކާދަ، އަދި ޤައުމީ ރޫޙުގެ ތަރުޖަމާނެވެ. ނަމަވެސް މިއަދު މި ބަހުގެ ހާލަތާމެދު ފުންކޮށް ވިސްނާލުން އެއީ އަޅުގަނޑުމެން ކޮންމެ މީހެއްގެވެސް ޒިންމާއެއް ކަމަށް ދެކެމެވެ. ޚާއްސަކޮށް، މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީއިން ނެރުނު ‘ނިރު’ މަޖައްލާއިން ދިވެހިބަހާ ބެހޭ ގޮތުން ލިޔެފައިވާ ޅެމުގެ ނަން ފެނުމުން ބަހުގެ ހާލަތާމެދު ހަގީގަތުގައިވެސް އަސަރުކޮށްފިއެވެ. ‘ދިވެހިބަހުގެ އަދުގެ ހާލަތު’ ‘ދިވެހިބަހުގެ މިއަދުގެ ހާލަތާމެދު ކަންބޮޑުވުން’ ލިޔުއްވާފައި ވަނީ ރަޝީދާ އިބްރާހީމް އެވެ.
ތިނަދޫސިޓީއަށް އުފަން ރަޝީދާ އިބްރާހީމަކީ ގިނަ އަހަރުތަކެއް ވަންދެން ދިވެހިބަސް އުނގަންނައިދެއްވުމުގެ އަގުހުރި މަސައްކަތް ކޮށްދެއްވާފައިވާ “ދިވެހި މުދައްރިސެކެވެ.” ޅެންވެރިކަމުގެ ބަގީޗާގައި ފޮޅިފައިވާ ވަސްމީރު މަލެކެވެ. ހުރިހާ ވައްތަރެއްގެ ޅެމެއްވެސް ފަސޭހަކަމާއެކު ހައްދަވާ، ހުނަރުވެރި ޅެންވެރިއެކެވެ. ގައުމީ ފެންވަރު ގުނާލެވޭ ފުންނާބުއުސް ޅެންވެރިޔެކެވެ. ދިވެހި ބަހުގެ ލާމަސީލު ޚިދުމަތްތެރިޔާ ރަޝީދާ އިބްރާހީމް، ‘ދިވެހިބަހުގެ އަދުގެ ހާލަތު’ މި މައުޟޫއަށް ލިޔުއްވާފައިވާ އަސަރުގަދަ ޅެން ފެނުމުން، ލިޔުންތެރިއެއްގެ ހައިސިއްޔަތުން މިއީ އަލިއަޅުވާލަންޖެހޭ މައުޟޫއެއްކަމުގެ އިޙްސާސް ކުރެވުނެވެ. އެހެންކަމުން، މި ޅެމުގެ މައިގަނޑު މާނައާއި ޝުޢޫރުތަކަށް ބަލައި، ދިވެވެހިބަހުގެ މިއަދުގެ ހާލަތާއި ކުރިމަގާ ބެހޭގޮތުން ހިޔާލު ފާޅު ކޮށްލުމުގެ ގޮތުން ގަލަން ހިންގާލީމެވެ.
ޅެންވެރިޔާ ރަޝީދާ އިބްރާހީމް އެޅެން ފަށްޓަވާފައިވަނީ، ދިވެހިބަހުގެ ޝަރަފްވެރި މާޒީ ހަނދާން ކޮށްދެއްވަމުންނެވެ. އަމިއްލަ އަތުއަކުރަކާއެކު، މިނިވަން އަދި ފަޚުރުވެރި ބަހެއްގެ ގޮތުގައި ދިވެހިބަސް އޮތްކަން، އެ ބަހުގެ މާޒީގެ ރަންޒަމާން ހަނދާންކޮށްދެއްވަމުން ފާހަގަކުރައްވައެވެ. ނަމަވެސް މިއަދު އެ ޝަރަފުވެރިކަން ގެއްލެމުންދާކަމާމެދު ހިތާމަ ފާޅުކުރައްވާފައެވެ. ދިވެހި ބަސް މިއަދު މިވަނީ، ގަވާއިދެއް ހަމައެއްނެތި، ދަޅަބަހަކަށް ވެފައި ކަމަށް އެކަމަނާ ވަނީ ފުން ކަންބޮޑުވުމަކާއެކު ފާހަގަކުރައްވާފައެވެ.
މިއަދު ދިވެހިބަހުގެ ބޭނުންކުރުމުގައި ފެންނަމުންދާ ނޭދެވޭ ބަދަލުތަކަކީ، ހިތްދަތި ކަމެކެވެ. މީހުން ވާހަކަ ދައްކާއިރު، އަދި މަޖިލިސް ބަހުޘްތަކުގައިވެސް ބަހަށް އަންނަމުންދާ ބަދަލުތައް ފެނި ހިތްދަތިވާކަން ޅެންވެރިޔާ ފާހަގަކުރައްވައެވެ. މިސާލެއްގެ ގޮތުން، “ތިދެންނެވިއާއި އަޅުގަނޑު” އަދި “ދެއްވަވާނަން” ފަދަ ޢިބާރާތްތައް އާންމުވެފައިވާކަން އެކަމަނާ ވަނީ ބަޔާންކުރައްވާފައެވެ. އަމިއްލައަށް ވާހަކަ ދައްކާއިރު، ތިމާއަށް މާތްބަހުން ބޭނުންކުރުމާއި، ބަހުގެ ހަމަތަކާއި ގަވާއިދުތަކުގެ ހަމައެއް ލަމައެއްނެތް ކަން ވަނީ ބަޔާންކޮށްދެއްވާފައެވެ. މިފަހަކަށް އައިސް ވާހަކަ ދައްކާއިރު އެންމެ ގިނައިން އިވޭ އެއް ކުށް ބަހަކީ “އަޅުގަނޑަކީ މިވެނި އެވެނި ކަހަލަ ބޭފުޅެއް ނުވަތަ ބޭފުޅެއް ނޫން،” ފަދަ ބަސްތަކެވެ. އަމިއްލައަށް ވާހަކަ ދައްކާއިރު މިފަދައިން ބޭނުން ކުރެވޭއިރު، ކިތަންމެ ދަރަޖައިގެ ގޮތުން މަތީ ބޭފުޅަކާ ވާހަކަ ދައްކާއިރު، ދޭން ޖެހޭ ޢިއްޒަތާއި ޤަދަރު ނުދެވޭ މަންޒަރުވެސް ފެންނަލެއް ވަކި މަދެއް ނޫނެވެ. މިއީ އެއްވެސް މީހަކު ގަސްދުގައި އެނގިހުރެ އަނެކާގެ ދަރަޖަ ދަށް ކޮށްލަން ކުރާކަމެއް ނޫނެވެ. ނުވަތަ ތިމާ އަމިއްލައަށް މޮޅުވާން ކުރާ ކަމެއްވެސް ނޫނެވެ، އެކަމަކު ހަގީގަތުގައިވެސް ނޭނގުމުގެ ސަބަބުން ދިމާވާ ކަންތަކެވެ. އެކަމަކު މިކަން ގަބޫލުކޮށްގެން އިސްލާހު ގެނަައުމަށް މަސައްކަތް ކުރުން މިއަދު ވަނީ “ހުތުރު” ކަމަކަށް ވެފައެވެ.

ރަޝިދާ އިބްރާހީމް، ހުވަދޫމީޑިއާއަށް ކުރިން ދެއްވި ބަސްދީގަތުމެއްގެ ތެރެއން—، ފައިލްފޮޓޯ
ދިވެހި ބަސް އުނގެނުމަކީ އެއްވެސް އަހައްމިއްޔަތުކަމެއް ދޭ ވަރުގެ ކަމެއް ކަމަށް ނުދެކޭ ދަރިވަރުންތައް ދަނީ ގިނަވަމުންނެވެ، ދިވެއްސަކަށްވީތީ ލަދުގަންނަ ޅަޒުވާނުންތައް ދިވެހިން ވާހަކަދައްކަން ގަންނަނީ އަދި މާ ވަރުގަދަ ލަދެކެވެ. އިނގިރޭސިން މޮޅުވެފައި ވާހަކަ ދައްކާއިރު، އަދި ދިވެހިބަހަށް ފަރިތަ އެކަމަކު އިނގިރޭސިބަހަށް އެހާ ފަރިތަނޫން މީހެއްނަމަ ދަށްކޮށްލުމާއި މަލާމާތްކުރުން މިއަދު ވަނީ އާންމުވެފައެވެ. އެކަމަކު އެގޮތަށް ތިމާގެ މާދަރީބަސް ދަށްކޮށްލާއިރު ނޭނގޭ ކަމަކީ “އެމީހެއްގެ މާދަރީބަހުގެ ގަވާއިދާ ހަމަތައް އެނގި ފަރިތަ ވެއްޖެ މީހަކަށް އެހެން ކޮންމެ ބަހަކުންވެސް ކުރިއަށް ދެވިދާނެ ކަމެވެ.”
ރަޝީދާގެ ޅެމުގައި ދެން ފާހަގަކުރަައްވާފައި އޮތީ ބަސް ބުނެއުޅޭއިރު، ސުކުންތައް އޭގެ ހަމައިން ނެއްޓޭ ވާހަކައެވެ. އެފަދައިން ބަސް ބުނެ އުޅޭއިރު، އެކަމާ ކެތްނުވާކަން ހާމަ ކުރައްވާފައިވެއެވެ. މިކަމުން ދައްކުވައިދެނީ، ދިވެހި ބަސް މިއަދު ބޭނުންކުރެވެމުންދާ ގޮތުގައި ހުރި ނުރައްކާތެރިކަމުގެ ބޮޑުކަމެވެ. ގިނަގުނަ އަދަބީ މުބާރާތްތައް ބާއްވަމުންދާއިރުު، ބައިވެރިވާ ދަރިވަރުންނަށް ތަމްރީނު ދިނުމުގެ މުހިންމުކަމަށް ޅެންވެރިޔާ ވަނީ އަލިއަޅުވާލައްވާފައެވެ.
މިއަދުގެ ޓެކްނޮލޮޖީގެ ކުރިއެރުމާއެކު ދިމާވެފައިވާ ގޮންޖެހުންތައް ވެސް ޅެމުގައި ވަނީ ފާހަގަކުރައްވާފައެވެ. މުދައްރިސުންނާއި އެހެނިހެން ފަރާތްތަކުން ލިޔާ ތަކެތި ދަރިވަރުންނަށް ފަސޭހައިން ކޮޕީކުރެވޭ ޒަމާނެއްގައި، މިކަމުގެ ސަބަބުން ދަރިވަރުންގެ އަމިއްލަ ލިޔުންތެރިކަމުގެ ހުނަރު ދަށްވެދާނެކަމާމެދު ޅެންވެރިޔާ ކަންބޮޑުވެލައްވާފައިވެއެވެ. އަމިއްލަ އުފެއްދުންތައް މަދުވަމުން އަންނަ ދަނޑިވަޅެއްގައި ޒަމާނީ ޓެކްނޮލޮޖީއާއެކު ތައާރަފްވެގެން އައިސްފައިވާ ޗެޓް ޖީޕީޓީ އަކީ ޅެންވެރިޔާ އެ އިޝާރާތް ކުރެއްވިފަދަ ކަމެކެވެ. މިއަދު އަމިއްލަ މަސައްކަތަކާ ނުލައި އެސެސްމަންޓް ހެދެން އޮތުމުން އޭގެ ހަގީގީ މާނައިގައި ބުއްދީގެ ބޭނުންކޮށްގެން ވިސްނައިގެން އުނގެނުން މުހިންމުކަމަކަށް ނުދެކޭ ކުދިން ދަނީ އިތުރުވަމުންނެވެ.
ހަމަމިއާއެކު ލިޔުމުގައި ބޭނުންކުރާ ކޮމާ، ފުލްސްޓޮޕް ޖަހަންވާނީ ކޮންތާކުކަން ނޭނގޭކަން ވެސް ޅެންވެރިޔާ ވަނީ ހާމަކުރައްވައި ކަންބޮޑުވުން ފާޅުކުރައްވާފައވެ. ލިޔާ ޖުމްލައިގެ ބާވަތް އެނގި، ފުލްސްޓޮޕާއި ކޮމާގެ މަގާމު ދަރިވަރުންނަށް އެންގުމުގެ މުހިންމުކަން ފާހަގަކުރައްވާފައިވެއެވެ. ދަރިވަރުންނަށް ލިޔުމުގެ އަސާސީ ގަވާއިދުތަކާއި، ޚާއްސަކޮށް ނިމުމުގެ ނިޝާންތައް (ފުލް ސްޓޮޕް، ކޮމާ ފަދަ) ބޭނުންކުރާނެ ގޮތް ރަނގަޅަށް އުނގަންނައިދިނުމުގެ މުހިންމުކަމަށް އަލިއަޅުވާލައްވައި، ޅެންވެރިޔާ ވިދާޅުވެފައި ވަނީ ދަރިވަރުންގެ ލިޔުންތެރިކަމުގެ ބިންގާ ރަނގަޅުކުރުމަށްޓަކައި އެކަންކަން އުނގަންނައިދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ.

އެމްއެންޔޫގެ ނިރު މަޖައްލާއަށް، ރަޝީދާ އބްރާހީމް ލިޔުއްވާފައިވާ ޅެން
ޅެން ނިންމަވާލައްވަނީ، ދިވެހި ބަހަށް އިސްކަންދީ، ދަރިވަރުންގެ ހިތްތަކުގައި ބަހާ ދޭތެރޭ ޝައުޤުވެރިކަން އުފެއްދުމަށް އެންމެން އެކުގައި މަސައްކަތްކުރުމަށް ގޮވާލައްވަމުންނެވެ. ހުރިހާ އުޚުތުންނާއި އަޚުންނަށް އެކީ އެކުގައި ބަހަށް އިސްކަންދިނުމަށާއި، ދަރިވަރުންގެ ހިތްތަކުގައި ބަހަށް ޝައުޤުވެރިކަން އިތުރުކުރުމަށް ޅެންވެރިޔާ ވަނީ ނަސޭހަތްތެރިވެލައްވާފައެވެ. މި ޅެމަކީ ދިވެހިބަހުގެ މިއަދުގެ ހާލަތާމެދު ކަންބޮޑުވެ، އިޞްލާޙީ ފިޔަވަޅުތަކެއް އެޅުމަށް ގޮވާލައްވާ، އިޖުތިމާޢީ ޒިންމާއެއް އަދާކުރާ ޅެމެކެވެ. ދިވެހި ބަހުގެ މިހާރުގެ ހާލަތާ މެދު އަޅުގަނޑުމެން ފިކުރު ހިންގައި، ބަހުގެ ކުރިމަގު ބައްޓަން ކުރުމަށްޓަކައި އެންމެން ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަން ރަޝީދާ އިބްރާހީމް ވަނީ މިޅެމުގެ ބައިތުތަކުން ވަރަށްވެސް ސާފުވާނެހެން ހާމަކޮށްދެއްވާފައެވެ.
ދިވެހިބަހުގެ ދިރުން ދެމެހެއްޓުމަށްޓަކައި، ކޮންމެ މީހަކުވެސް އަމިއްލަގޮތުންނާއި، އިޖްތިމާއީ ގޮތުން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމަކީ ދިވެއްސަކަށްވީތީ، އަޅުގަނޑުމެންގެ ވާޖިބެކެވެ. ހަަމައެހެންމެ، ކޮންމެ މީހަކުވެސް ފަރުދީ ޒިންމާ އަދާ ކުރާނަމަ ދިވެހިބަހުގެ އަދުގެ ޙާލަތު ބަދަލުކުރުމަކީ ދަތިކަމަކަށް ނުވާނެއެވެ.
ބަހުގެ އަސްލު ދަރަޖައާއި ޤަދަރާއި ޢިއްޒަތް ވެއްޓިފައި އޮތް ކަނުއަނދިރިން ސަލާމަތްކޮށް އުޖާލާ އަލި ރާސްތާއަކަށް ގެނައުމަކީ ފަރުދީ ޒިންމާއަކަށް ހަދަމާތޯއެވެ.