ތިލަދުންމަތީ އުތުރުބުރީ ބާރަށުގައި ސިހުރު ހަދާ ކަމަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ފުލުހުން މިއަދު އޮޕަރޭޝަނެއް ހިންގައި، އެ މައްސަލައިގެ ތުހުމަތުގައި 8 މީހަކާ ސުވާލުކޮށްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދެއްވި ގޮތުގައި، މި އޮޕަރޭޝަން ފަށާފައިވަނީ މިއަދު ހެނދުނު 7:00 ގައެވެ. މި އޮޕަރޭޝަނަކީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތެއްގެ މައްޗަށް ބިނާކޮށް ކުރިއަށް ގެންގޮސްފައިވާ އޮޕަރޭޝަނެކެވެ.
އޮޕަރޭޝަންގެ ތެރޭގައި ބާރަށުން އަށް ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދެއްވިއެވެ. އަދި މި މައްސަލައާ ގުޅުންހުރި ކަމަށް ބެލެވޭ ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލައިގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކުރި އަށް މީހުން މިހާރުވަނީ ދޫކޮށްލާފައެވެ. ނަމަވެސް މައްސަލައިގެ ތަޙުޤީޤު މިހާރުވެސް ދަނީ ކުރިއަށެވެ.